ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރައްވަވާފައިވެއެވެ! "ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި (ސަލާމް ދިނުމަށްފަހުގައި سُبْحاَنَ اللهِ 33 ފަހަރު ކިޔައިފިނަމަ އަދި ﷲ ތަޢާލާއަށް ޙަމްދުކުރުމުގެ ގޮތުން اَلْحَمْدُ لِلهِ 33 ފަހަރު، އަދި ﷲ ތަޢާލާ މަތިވެރިކުރުމުގެ ގޮތުން اَلّلَهُ اَكْبَرْ 33 ފަހަރު ކިޔައިފިނަމަ އަދި 100 ވަނަ ފަހަރު ހަމަކުރަން
لاَأِلَاهَ اِلاَّ اللّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلىَ كُلِّ شَيْءِقَدِيرُ
ކިޔައި 100 ފަހަރު ހަމަކޮށްފިނަމަ އެކަމުގެ ޖަޒާއަކީ އެމީހާގެ ފާފަތައް ކަނޑުގައި ހުންނަ ފޮނަށް ވުރެ ގިނަ ނަމަވެސް އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ.
މިހެން މިބަސްފުޅު އޮތް ނަމަވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ބޮޑެތި ފާފަތަކަށް އެމީހަކު އަރައިގެންފައިވާނަމަ އެ ފާފަތަކަށް ތައުބާވާން ޖެހޭނެއެވެ.
ވީމާ ފަރުޟު 5 ނަމާދުގެ ފަހުގައި މިފަދައިން ކިޔާނަމަ އޭނާއަށް ކުރެވިފައި ހުންނަ ކުދި ފާފަތަކާއި ނުއެނގި ކުރެވިފައި ހުންނަ ފާފަތައްވެސް 5 ފަހަރުމަތިން ފުއްސަވައި ދެއްވަވާނެތެވެ! ﷲ ތައާލާއީ އަލުތަކުންނަސް ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ފުއްސަވައި ދެއްވަވާ ދީލަތިވަންތަ އިލާހް ކަމުގައި އެކަލާނގެ ވަނީ ވަހީކުރައްވަވައިފައެވެ!
ވީމާ ކިތަންމެ މަސައްކަތް ބުރަ ނަމަވެސް ޛިކްރް ތަސްބީޙް ނުކިޔައި އަވަސްކޮށްލައިގެން މިސްކިތުން ނުފައިބާށެވެ!
(މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހާއި ޙިއްޞާކުރައްވާފައިވާ، އެމަނިކުފާނު އަލަށް ފެށްޓެވި "ނަބަވީ މަދަރުސާ" ޕްރޮގްރާމްގެ ފުރަތަމަ ދަރުސް އިން އެކުލަވާލާފައިވާ ލިޔުމެކެވެ.)
ދަރުސްގެ ވީޑިއޯ: