ރޯދަވެރިޔާއަށް ﷲ ތައާލާ ދެއްވަވާފައިވާ އެންމެ ޚާއްޞަ އެއްކަމަކީ ރޯދަވެރިޔާގެ ދުޢާ ޢިޖާބަކޮށްދެއްވަވާފައިވާނެ ކަމުގެ ޔަޤީންކަން ދެއްވަވާފައިވުމެވެ.
3 މީހެއްގެ ދުޢާ މާތް ﷲ ޢިޖާބަ ކުރައްވަވާނެ ކަމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. އެއިގެ ތެރެއިން އެކަކީ ރޯދަވެރިޔާއެވެ. ބައެއް ރިވާޔަތްތަކުގައިވަނީ ރޯދަ ހިފީންސުރެ ރޯދަ ވީއްލުމާއި ހަމައަށް ރޯދަވެރިޔާ ކުރާ ދުޢާ ޢިޖާބަކުރައްވަވާ ކަމަށެވެ.
އެހެން ރިވާޔަތެއްގައި ރޯދަވީއްލާ ވަގުތުގައި ކުރާ ދުޢާ ޢިޖާބަ ކުރައްވަވާ ކަމަށްވެސް އޮވެއެވެ. ވީމާ ޚާއްޞަކޮށް އެވަގުތުގެ ބޭނުން ހިފަން އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެއެވެ. ވީމާ އެކަމަށް ޢަޒުމް ކަނޑައަޅައި އާދަކޮށް އެކަން ކުރަން މަސައްކަތްކުރަން ޖެހޭނެއެވެ.
ބައެއް މީހުންނަށް އެކަން ވަރަށް ބޮޑު ކަމަކަށްވެދެއެވެ. ނަމަވެސް އެއީ ވަރަށް ފަސޭހަކަމެކެވެ. ރޯދަވީއްލަން ގާތްވެފައިވާ ވަގުތު މޭޒުކައިރީގައި ތިބެގެންވެސް ދުޢާ ކުރެވިދާނެއެވެ. ބަންގި ގޮވުމުގެ 5 މިނިޓް، 3 މިނިޓް ކުރިން ދުޢާކުރެވިދާނެއެވެ.
ރޯދަވީއްލާ ވަގުތު ކިޔަންޖެހޭ ޚާޞަ ދުޢާ އެއްވެސް ސުންނަތުގައި ބަޔާންވެފައިވެއެވެ. އެފަދަ ދުޢާތަކާއި އެމީހާގެ އަމިއްލަ ނަފްސަށް އެދޭ ކަންތައްތަކަށާއި މައިންބަފައިންނަށާއި އަދި ޢާއިލާގެ މީހުންނަށާއި އެމީހަކު ބޭނުންވާ ކަމަކަށް އެދިގެން ރޯދަވީއްލާ ވަގުތުގައި ދުޢާކުރެވިދާނެއެވެ.
- -ޑރ، މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: