ރަމަޟާންމަހުގެ ދުވަސްތަކަކީ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ ދުވަސްތަކެކެވެ. މި ދުވަސްތަކުގައި ސަވާބު ލިބެނިވި މަގުތަކާއި ނިޢްމަތުގެ ދޮރުތައް ﷲ ތަޢާލާ ލައްވަވާފައިވެއެވެ.
އެއިގެ ތެރެއިން އެއް ކަމެއްގެ ގޮތުން ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރައްވަވާފައިވެއެވެ. "ރޯދަވެރިއަކަށް ރޯދަވީއްލުން ދީފި މީހާ ސުވަރުގެ ވަދެއްޖެއެވެ."
މިއީ ކޮން ފަދަ މާތްކަމެއްތޯއެވެ! ޚާއްޞަކޮށް ކޮވިޑް 19 ގެ މިދުވަސްވަރު ވަރަށް ގިނަ ބައަކު އުޅެމުން މިދަނީ ވަރަށް ދަތީގައެވެ. ޚާއްޞަކޮށް ޤައުމުގައި ތިބި ބިދޭސީން އުޅެމުންދަނީ ވަރަށް ދަތީގައެވެ. އެމީހުންނަށް ކާނެ ތަކެތި ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ވީމާ އެމީހުންނަށް ރޯދަވީއްލުމަށާއި ހާރުކާން ދިނުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަ ހުރިކަމެކެވެ.
ޙަދިޘްފުޅުގައި ބަޔާންވެގެންވަނީ ރޯދަވީއްލަން ލިބުނު މީހާ ހިފި ރޯދައިގެ ސަވާބުން އެއްވެސް މިންވަރެއް އުނިނުކުރައްވަވައި އޭނާ ހިފި ރޯދައާއި އެއްވަރުގެ ސަވާބު ރޯދަ ވީއްލަން ދިން މީހާއަށް ދެއްވަވާނެ ކަމަށެވެ.
ވީމާ އަޅުގަނޑުމެން މަސައްކަތްކުރަންވީ އެމީހެއްގެ ކިބައި ޤާބިލުކަން ހުރި މިންވަރަކުން އަނެކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ކަދުރުއޮށެއްގެ ފަޅިއަކުން ޞަދަޤާތްކޮށްގެންވެސް ނަރަކައިން ސަލާމަތްވުމަށެވެ.
އަނެކާއަށް އެހީވުމަށާއި ޚާއްޞަކޮށް ރޯދަވީއްލުން ދިނުމަށް ޢަޒުމް ކަނޑައަޅާށެވެ! ރޯދަވީއްލުން ދިނުމަކީ ބޮޑު ބިރިޔާނިގަނޑެއް ކައްކާފައި ކާންދިނުމެއް ނޫނެވެ. ކަދުރު އޮށެއް ދީގެންވެސް އަދި ފެންފުޅިއެއް ދީގެންވެސް ރޯދަވީއްލުން ދެވިދާނެއެވެ. އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުން އެކަންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު އެކަން ކޮށްފިނަމަ އެމީހަކަށް ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: