سم الله الرحمن الرحيم
ރައީސުލްޖުމުހޫރިއްޔާއަކު ޤައުމަށް ދިމާވެފައިވާ ޙަލާތަކާ ގުޅިގެން ރައްޔިތުންގެ އެހީތެރިކަމަށް އެދި ގޮވާލެއްވުމަކީ ޤައުމެއްގެ ޙަޔާތުގައި އަންނާނެ ވަރަށް ނާދިރު ޙާލަތެކެވެ. ޤައުމީ މިޙާލަތުގައި ފަރުދީ ޙައިސިއްޔަތުންނާއި ޖަމާޢީ ހައިސިއްޔަތުން ވަރަށް ސީރިއަސްކޮށް ވިސްނަންޖެހެއެވެ.
ކޮންމެ މީހަކުމެ އެމީހެއްގެ ޒިންމާ ނަގަންޖެހެއެވެ. ކޮންމެ މީހަކީ ވެސް މަސްއޫލުވެރިއެކެވެ. ޤައުމަށް ކުރިމަތިވެފައި ނާޒުކު މި ޙާލަތުން އަރައިގަނެވޭނީ ޤައުމު އެއްބައިވަންތަވެގެންނެވެ. އެކަކު އަނެކެއްގެ އަތުގައި ހިފައިގެންނެވެ. އެކަކު އަނެކަކަށް ހެޔޮ އެދިގެންނެވެ. ކެތްތެރިވެގެންނެވެ. އިޙުސާންތެރިކަން ކުރިއަށް ނެރެގެންނެވެ. މާތް ﷲ ގެ ތަނަވަސް ރަޙުމަތްވަނީ އިޙުސާންތެރީންނާއެކުގައެވެ.
ރައީސް ޞާލިޙު އަރިހުގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ އިޚުލާޞްތެރި ހެޔޮ ދުޢާ ދިވެހި ޤައުމަށާއި މަނިކުފާނަށް ވެސް އެބަ އޮތެވެ. ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅުގަނޑަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް އެންމެ މަތީ ދަރަޖައިގައި ކޮށްދިނުމަކީ އަޅުގަނޑަށް ލިބޭނޭ އުފަލެކެވެ. ޤައުމީ މިފަދަ ކޮންމެ ޙާލަތެއްގައި ދިވެހި ރައްޔިތުންގެ ޤައުމީ ސަފުތައް އެއްބައިވަންތަވާންޖެހޭނެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެހީ ވަޠަނީ ވާޖިބެކެވެ. އިންސާނީ ތާރީޚަށް ބަލާއިރު، ޤައުމުތަކަށް ދިމާވި ހިތާމަވެރި ކާރިސާތަކުން ޤައުމުތައް ސަލާމަތްވެފައިވަނީ އެޤައުމުތަކުގެ ރައްޔިތުންގެ އެކުވެރިކަމާއި ކެއްތެރިކަމާއި ހިއްވަރާއި ޢަޒުމާއި އީމާންތެރިކަމުންކަން އިންސާނީ ޙަޟާރަތު ހެކިދެއެވެ
މި ވަގުތު ޤައުމީ އެއްބައިވަންތަކަމަށް ޖާގަ ދެއްވުމުގެ ގޮތުން ރާއްޖޭގެ ގިނަ ބައެއްގެ ތާއީދު ލިބިވަޑައިގެން ހުންނެވި ކުރީގެ ރައީސުލްޖުމުހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކޮށްދެއްވަންވީ ވަގުތެވެ. އަދި އެއީ ޤައުމީ ސަފުތައް އެއް މިޞްރާބަކުން ރުކުރުވާލަން ލިބިގެންދާނެ ވަރަށް ބޮޑު ފުރުޞަތެކެވެ.
އަދި ރައީސް ޔާމީނުގެ އިތުރުންވެސް ޢާއިލާ ގާތަށް ފޮނުވެން ހުރި އެހެން އެއްވެސް ފަރާތެއް ބަންދުގައިވާ ނަމަ އެންމެންވެސް މި ޙާލަތުގައި ޖަލުން ގެއަށް ބަދަލުކޮށްދެއްވުން ރަނގަޅު ކަމުގައި ވެސް ދެކެމެވެ.
މި ހިނދުކޮޅަކީ ދިވެހި ޤައުމީ ޙަޔާތުގައި ދިވެހި ރައްޔިތުން އެކަތި ގަނޑަކަށްވާންވީ ވަގުތެވެ. ހުރިހާ ވިސްނުމަކަށް ވުރެ، ޤައުމީ ވިސްނުމާއި ޤައުމީ އެއްބައިވަންތަކަމާއި އިސްލާމީ އުޚުއްވަތްތެރިކަމަށް ޖާގަ ދޭންޖެހޭ ހިނދުކޮޅެވެ.
މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. (ތިޔަބައިމީހުން އެންމެން ﷲ ގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، ﷲ ތިއަބައިމީހުންނަށް ދެއްވި ނިޢްމަތް ތިއަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިއަބައިމީހުން ޢަދާވާތްތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިއަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢްމަތުގެ ސަބަބުން ތިއަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިއަ ބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިއަބައިމީހުން އެއިން ސަލާމަތް ކުރެއްވިއެވެ. ﷲ، އެކަލާނގެ އާޔަތްތައް ތިއަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިއަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.)
އަދި ވެސް އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. (އަދި ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިއަބައިމީހުން ކިޔަމަންވާށެވެ! އަދި ތިއަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިއަބައިމީހުން ފިނޑިވެ، ތިއަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިއަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، ﷲَه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.)
ޤައުމު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި ކުރެވޭ މަސައްކަތްތަކުގައި ތައުފީޤު ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވަމެވެ. އަދި ރައީސް ޞާލިޙާއި ސަރުކާރުގެ ވެރިންގެ އަމިއްލަ ރައްކާތެރިކަމާ މެދު ވިސްނެވުމަށް ވެސް މި ފުރުޞަތުގައި ވަރަށް ހެޔޮ އެދުމާއެކު ދަންނަވަމެވެ.
މިގޮތުން ކޮންމެ ރެއަކު މުލިއާގޭގައި އެކި ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން އެއްތާކަށް އެއްކުރައްވައިގެން ބާއްވަވާ ބައްދަލުވުންތައް ސަލާމަތީ ގޮތުން ޑިސްޓެންސްކޮށް ގެންދަން ޖެހޭކަމުގައި ވެސް ދެކެމެވެ. މިހާރު ގެންދަވާ ގޮތް ބަދަލު ކުރަންޖެހެއެވެ. މިހާލަތުގައި ފިޒިކަލްކޮށް ރައީސްއާއި ޤައުމުގެ ވެރިން އެހާ ގިނަ ބައަކާ އެއްތާކުން އެގޮތައް ބައްދަލު ކުރެއްވުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ގޮތެއްކަމުގައި ނުދެކެމެވެ. މިހެން މިދެންނެވީ ކަމާގުޅޭ އެކި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއެކީ އެހެން ޤައުމުތަކުގެ ވެރިން ބައްދަލުވުން އެގޮތައް ބޭއްވުމުގެ ނަތީޖާގެ ގޮތުން ގިނަ ވެރިންތަކެއް ބައްޔަށް ޕޮޒިޓިވްވެ އެޑްމިޓްކުރުމުގެ ސަބަބުން އެ ޤައުމުތައް ބަލިން ސަލާމަތްކުރުމުގެ ޙަރަކާތަށް ލޮޅުން އެރުމެވެ. އެއީ ރާއްޖެ ފަދަ ޤައުމަކަށް ތަޙައްމުލު ކުރެވޭނޭ ކަމެއްނޫނެވެ. ލީޑްކޮށް މަސައްކަތްކުރަންޖެހެއެވެ. ނަމަވެސް މަސައްކަތްކުރާ ވައްޓަފާޅި ވަގުތާ ޙާލަތަށް ބަލައި ވެރިންގެ ފެންވަރުގައި ބަދަލުވާންޖެހެއެވެ.
ޤައުމު އިނދަ ޖެހިގެން ދިޔަ ނުދިނުމަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ ވަސީލަތްތަކުގައި ހިފައި ﷲ އަށް ވަކީލުކޮށް އެތެރޭގެ ސަފުތައް ބަދަހި ކުރުމެވެ. ބޭރުން ކިތައްމެ ސަޕޯޓެއް ލިބުނަސް ޤައުމުގެ އެތެރޭގެ ސަފުތައް އެއްބައިވަންތަކަމާއެކު ރުކުވާނުލެވޭ ނަމަ ދަތިތަކެއް ހުންނާނެއެވެ.
މި ފުރުޞަތުގައި، ޤައުމު ސަލާމަތްކުރުމަށްޓަކައި ޤުރުބާނީވެވަޑައިގެން ކުރީ ސަފުގައި މަސައްކަތްކުރައްވަމުން ގެންދަވާ ހީވާގި މުރާލި އެންމެހާ ބޭފުޅުންނާއި ޞިއްޙީ މާހިރުންނާއި ޤައުމީ ސަލާމަތާ ބެހޭ ބާރުތަކާއި ވިޔަފާރިވެރިންނަށް ހެޔޮ ދުޢާ އާއި ޝުކުރު ރައްދުކުރަމެވެ.
ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. ވަސީލަތްތަކުގައި ހިފައި ގަދަ ކީރިތި ވަންތަ ﷲ އަށް ދުޢާކުރުމަށާއި ކެތްތެރިވުމަށާއި ނަމާދު ޤާއިމު ކުރުމަށާއި ކީރިތި ޤުރުއާން ކިޔެވުން މަތީ ދެމި ތިއްބެވުމަށާއި ސާފުތާހިރުކަން އިސްކުރެއްވުމަށާއި އަތް ދޮވުމަށާއި ގޭގައި މަޑުކުރެއްވުމަށާއި ޞިއްޙީ މާހިރުންގެ އިރުޝާދުތައް ޤަބޫލުކުރެއްވައި ކިޔަމަންތެރިކަން އިސްކުރެއްވުމަށް ލޮބުވެތި ރައްޔިތުންނަށް ވަޞިއްޔަތްކުރަމެވެ. މާތް ﷲ އަޅަމެން އެންމެނަށް ސަލާމަތާއި ހެޔޮ ޞިއްޙަތާއި ރައްކާތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން.
وآخر دعوانا ان الحمد لله رب العالمين.
މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ