ދިރާގުން އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގު މުވައްޒަފުންނަށް މައިންގެ ކޮޓަރިއެއް ގާއިމް ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
ދިރާގުން އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގު މުވައްޒަފުންނަށް މައިންގެ ކޮޓަރިއެއް ގާއިމް ކޮށްފި

ދިރާގުން މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތާގުޅިގެން ދިރާގުގައި މައިންގެ ކޮޓަރިއެއް ގާއިމުކޮށްފިއެވެ. 

ދިރާގުން ބުނީ މައިންގެ ކޮޓަރިއެއް ގާއިމު ކުރުމުގެ މާއިގަނޑު ބޭނުމަކީ އޮފީހުގައި މަސައްކަތްކުރާ މައިންނަށް އެ މީހުންގެ ތުއްތު ދަރިންނަށް ގާތުން ކިރުދީ، ޕަންޕްކުރުން ފަދަ ކަންތައް ކުރުމަށް ފަސޭހަ، އަރާމު އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުމަސް ކަމަށެވެ. 

ދިރާގުން ބުނެފައިވަނީ: 

ތުއްތު ދަރިއެއް ލިބުމާއެކު ވަޒީފާއަށް އަނބުރާ އަންނަން ޖެހޭ މައިންނަކީ ނުހަނު ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ބައެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރުމުގެ އިތުރުން އާއިލާއެއް ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަން ޖެހި، ހަމަ ހަމަ އަށް ދެބައި ބެލެހެއްޓުން  ވެގެންދަނީ ގިނަ މައިންނަށް ކުރިމަތިވާ ގޮންޖެހުމަކަށެވެ. އަދި ގިނަފަހަރަށް ވަޒީފާގައި ދިގު ގަޑިތަކެއް ހޭދަކުރަން ޖެހުމުން 2 އަހަރުން ދަށުގެ ތުއްތު ދަރިފުޅަށް ގާތުން ކިރު ދިނުމުގައި ދަތިތަކާ ކުރިމަލިލާން ޖެހޭތީއެވެ. ލިބޭ ބްރޭކް ގަޑި ތަކުގައި ގެޔަށް ގޮސް ފީޑް ކޮށް ކަންތައްކުރުމަށް އެކަޝީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ގާތުން ކިރުދިނުމަށް ބުރޫ އަރާ، އަދި ބައެއް ފަހަރު ހުއްޓާލަން ޖެހި، ފޯމިއުލާ އަށް ބަދަލު ކުރަން ޖެހޭ ހާލަތު އާދެއެވެ. މީގެ ސަބަބުން މައިންގެ ސިއްހަތަށްވެސް ނުހަނު ނޭދެވޭ އަސަރު ކުރާކަމަށް ގިނަ ހޯދުންތަކުން ވަނީ ދައްކާފައިއެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް މައިންގެ ކޮޓަރިތަށް ކޮންމެ އޮފީހެއްގައި ގާއުމުކުރުން ވަނީ ލާޒިމްކޮށްފައިއެވެ. ސަބަބަކީ ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުން ޖެހުމުން މި ކަހަލަ ފެސިލިޓީތައް ވަޒީފާގެ މާހައުލުން ފަސޭހަކަމާއެކު ލިބުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީއެވެ. އަދި އަންހެނުންނަށް ވެސް ކާމިޔާބު ވަޒީފާއަކާ އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތު މަގުފަހިކޮށް، އަންހެނުން ބާރުވެރިކުރުމަށެވެ. 

މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ދިރާގުން ނުހަނު އިސްކަމެއްދޭ ކަމެކެވެ. މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. 

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ޚިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، ކުންފުނީގެ ކާމިޔާބީގައި އަންހެން މުވައްޒަފުންގެ ހިއްސާ ނުހަނު ބޮޑެވެ. އެހެން ކަމުން، އަންހެނުން ބާރުވެރުކޮށް ވަޒީފާގެ މާހައުލުގައި ހަމަ ހަމަ އުސޫލުތަކަށް އަމަލުކުރުމަކީ ދިރާގުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ގޮތެވެ. 

ދިރާގުގެ އަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ހީވާގި، ޒިންމާދާރު އަންހެން މުވައްޒަފުންނަށް ވަޒީފާގައި އަދި ދިރިއުޅުމުގައިވެސް ކާމިޔާބު ބަޔަކަށް ވުމަށެވެ.

 

މިއަދު އޮންލައިން