ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެންވެސް ރާ ހުއްޓުވަން ޖެހޭ ކަމަށާއި އެއީ ﷲ ތައާލާގެ އަމުރުފުޅެއް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
މިކަމަށް ދަލީލު ދައްކަވައި ޑރ. އިޔާޟް ބަޔާން ކުރައްވާފައިވަނީ އަލް މާއިދާ ސޫރަތުގެ 90 އަދި 91 ވަނަ އާޔަތެވެ.
ޑރ. އިޔާމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ރާއްޖޭގައި ދިވެހިން ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތީގެ ވިޔަފާރި ހުއްޓުވަން ފުލުހުން ހިންގަމުން ގެންދާ އޮޕަރޭޝަންތަކާއިު ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ފުލުހުންނަށް ފާޑުވިދާޅުވެ އެކަމަށް ކުރާ ޚަރަދާއި މެދު 2 ފަހަރުމަތިން ސުވާލުކުރައްވާފައި ވަނިކޮށެވެ.
އަލް މާއިދާ ސޫރަތުގެ 90 ވަނަ އާޔަތުގައި ބަނގުރަލާއި ދުރުހެލުވުމަށް އަމުރުފުޅު ކުރެއްވެވުމާއި އެކު 91 ވަނަ އާޔަތުގައި ވަނީ ބަނގުރާ ބުއިމާއި ޖުވާ ކުޅުވުމަށް ޝައިޠާނާ ބާރުއަޅާ ސަބަބުތައްވެސް ވަހީކުރައްވަވައިފައެވެ. ވީމާ ކޮންމެ މީހަކު ނަމަވެސް އެކަންކަން ކުރަން ވާގިވެރިވެ ހިތްވަރު ދޭނަމަ އެކުރެވެނީ ކޮން ކަމެއްކަން 91 ވަނަ ޢާޔަތުން އެނގިގެންދެއެވެ.
"ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިއަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިއަބައިމީހުންނަށް ހުރަސްއެޅުމަށެވެ." ވީމާ މިއީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި އެއްވެސް މީހަކު ހިތްވަރުދީ ވާގިވެރިވާނެ ކަންކަމެއް ނޫނެވެ."
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލު ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިއަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.
ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިއަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިއަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިއަބައިމީހުން ތިއަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)"
(އަލް މާއިދާ: 90،91)