އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ހިންގަނީ

ކިޔުމަށް ހޭދަވާނީ 1މ 21ސ
އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ހިންގަނީ

އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ފަށާފައިވާއިރު، ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ކުރެއްވި ޒިޔާރަތުގައިވެސް ވަނީ މިކަމުގެ މަޝްވަރާތަކެއް ބާއްވާފައެވެ.

މިޒިޔާރަތުގައި އެމަނިކުފާނު ވަނީ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ލޯޑްސްގެ މެމްބަރު، ލޯޑް އެސްޓަ އަދި ޕްރިންސް ޗާލްސް ފައުންޑޭޝަންގެ ޑެޕިއުޓީ ޗެއަރމަން ރުޕަޓް ގުޑްމަންއާ ބައްދަލުކުރެއްވިއެވެ.

މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ކުރިން އައްޑޫ އުޅުނު އިނގިރޭސިން ބައިވެރިވާ ގޮތަށް އަންނަ އަހަރު އައްޑޫ ސިޓީގައި ބާއްވާ ރީޔޫނިއަންއާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. މީގެ އިތުރުން އައްޑޫގެ ސަޤާފަތާއި އާދަކާދަތައް އިޝްތިހާރުކޮށް، އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުންވެސް އެބޭފުޅުންނާއެކީ މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަންނަ އަހަރު އެބައޮތް އައްޑޫގައި އެބައޮތް ރީޔޫނިއަންއެއް. ކުރީގައި އައްޑޫގައި އުޅުނު އިނގިރޭސިންގެ. އަޅުގަނޑުމެން ބޭނުންވަނީ އައްޑޫގެ ސަގާފަތާއި ތަރިކަތައް ދިރުވާ އާލާކުރުމުގެ މަސައްކަތް ފަށަން. މީގެ އިތުރުން ކަލްޗަރަލް ޓޫރިޒަމްއާއި ސްޕޯޓްސް ޓޫރިޒަމްގެ ދާއިރާއިން ހޯދެން ހުރި އެހީތައް އިނގިރޭސިވިލާތުން ހޯދުން މަޤްސަދަކީ. މީގެއިތުރުން ފުޓްބޯޅައިގެ ދާއިރާއިން ހޯދޭނެ އެހީތަކާބެހޭ ގޮތުންވެސް މަޝްވަރާކުރެވުނު" މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު އޮންލައިން