ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު އެ މަގާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީ މަހާޒަށް ފަނޑިޔާރުކަމުގެ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ. އޭގެ ފަހުން ރައީސް ވަނީ މަހާޒަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކުރައްވައިފަ އެވެ.
މެލޭޝިޔާއިން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މަހާޒް ވަނީ މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަޒީފާ އަދާކުރައްވައިފަ އެވެ.
ޑްރަގް ކޯޓުގެ ގާޒީކަމަށް މަހާޒް އައްޔަނުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަންކުރަން މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ. އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.