ސުލޫކީ މިންގަޑާއި ޚިލާފަށް ފަނޑިޔާރު ހައިލަމް ކުރެއްވި މެސެޖުގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމައިފި!

ކިޔުމަށް ހޭދަވާނީ 1މ 46ސ
ސުލޫކީ މިންގަޑާއި ޚިލާފަށް ފަނޑިޔާރު ހައިލަމް ކުރެއްވި މެސެޖުގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމައިފި!

ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަލްއުސްތާޛު އަޙްމަދު ހައިލަމް ނަޞްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެގޮތުން ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕަކަށް ކުރައްވާފައިވާ ޕޯސްޓުގެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑިޝަލް ސާރވިސް ކޮމިޝަނުން (ޖޭއެސްސީން) ބަލަން ނިންމައިފިއެވެ.

އެކޯޓުގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގްރޫޕަށް ގާޒީ ހައިލަމް އިއްޔެ ފޮނުއްވި ޕޯސްޓެއްގައި ފެންނަނީ ނޮވެމްބަރ 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފޫ އާއި ސަގަރު އަޙްމަދު ނާސިރާއި އެބަގާވާތުގައި ބައިވެރިވި ބައެއް ދިވެހިންގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހާފައި ވަނިކޮށެވެ.

އެހުރިހާ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެކުރެހުމުގައި ފެންނަނީ ނަސްރުގެ ދުވަހުގެ ބަޠަލު ޝަހީދު ޙުސެއިން އާދަމް އެވެ. އަދި އެކުރެހުމުގެ "އެއިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" މިހެން ވެސް ލިޔެފައިވެއެވެ.

މިކަމާއި ގުޅިގެން ޖޭއެސްސީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓްގެ ވައިބަރ ގްރޫޕް "ސީސީއާރުސީ އެކުވެރިންގެ ދަރުބާރު" ވައިބަރ ގްރޫޕްގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ އިސްޤާޒީ ހައިލަމް ޖަހާފައިވާ ޕޯސްޓާ ގުޅިގެން ސުލޫކީ މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަަމަށެވެ.

ޖެއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާޒީ ހައިލަމް ގެ މިޢަމަލު ސާބިތުވެއްޖެނަމަ، ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވާނެ މައްސަލައަކަށް މިމައްސަލަ ވާނެ ކަމަށެވެ. އަދި އެޕޯސްޓަކީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކޮށްގެންވާނެފަދަ ޕޯސްޓެއް ނޫންކަމަށް ދެކޭ ކަމުގައިވެސް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

ޤާޒީ ހައިލަމްގެ މައްސަލައެއް ބެލުމަށް ނިންމާފައިވާއިރު، އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކުރެވޭ ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ވަނީ އެޖެންޑާކޮށްފައެވެ. މިމައްސަލަ ބައްލަވަމުން ގެންދަވަނީވެސް ޤާޟީ ހައިލަމެވެ.

މިއަދު އޮންލައިން