އެއްވެސް އިންސާނަކީ އެއްވެސް ކުށެއް، އެންމެ ފާފައެއް ވެސް ނުކުރެވި ހުންނާނެ މީހެއް ނޫނެވެ! ފާފަ ކުރެވުމަކީ އިންސާނާގެ ޠަބީޢަތުގައިވާ ކަމަކަށްވާތީއެވެ. ވީމާ މިއާޔަތުގައި ހިފަހައްޓާށެވެ! ނުހިފަހައްޓައިފިނަމަ އެމީހަކު މަގުފުރެދިގެން ހިނގައިދާނެއެވެ.
"ތައުބާ ލެއްވުން ﷲ ގެ ޙަޟްރަތުން އޮތްކަން ކަށަވަރީ، ނޭނގި ތިބުމާއެކު ނުބައިކަންތައްކޮށް،
ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭމީހުންނަށެވެ. ފަހެ، ﷲ، އެއުރެންގެ މައްޗަށް ތައުބާ ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 17)
ބައެއް މީހުން ދެކޭ ގޮތުގައި ތައުބާވުމަކީ މިސްކިތަށް ގޮސް ހަމަޖެހިލައިގެން އިނދެ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މިއާޔަތުގައި ﷲ ތައާލާ އަންގަވާފައި އެވަނީ ފާފައެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވުމަށެވެ.
މިސާލަކަށް ހިނގަމުން ދަނިކޮށް ފެނުނު ހިލޭ އަންހެނަކަށް ބެލުނީއެވެ! އަވަހަށް ތައުބާވާށެވެ! ވަގުތުން އަސްތަޣްފިރުﷲ ކިޔާށެވެ! ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދަންނަވާށެވެ! ގެއަށް ވަން ވަގުތު ފެނުނު ކަމެއްގެ ސަބަބުން އަނބިމީހާ ނުވަތަ މައިން ބަފައިން ދެކެ ރުޅި އާދެވުނީއެވެ. ބާރަށް ބަހެއް ބުނެވުނީއެވެ. ބުނެގެން ނުވާނެ ބަހެއް މަޑުން ނަމަވެސް ބުނެވުނީއެވެ. ވަގުތުން ތައުބާވާށެވެ!
މައްސަލައަކަށްވަނީ މިފަދަ ކަންކަމަކީ ވަރަށް އާދައިގެ ކުދިކުދި ކަންކަން ކަމަށް ބަލައި ތައުބާވުން ލަސްކުރާތީއެވެ. ފާފަތައް ގިނަވެ ފުނިޖެހޭތީއެވެ. ފާފަކުރެވޭ ވަރަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ ދާނީ ތިރިވަމުންނެވެ. ތައުބާވުން އަވަސްކުރާ ވަރަކަށް ދަރަޖަ އުފިލިގެންދާނެއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވަމުންދާނެއެވެ!
- ނޫމާން ޢަލީ ޚާންގެ ދަރުސަކުން