ރައްކާތެރި މާހައުލެއް ނެތް ކަމަށްބުނެ ފުލުހަށް ހާޒިރުވުމަށް ޝަހިންދާ އާއި އަޒްރާ ބަހަނާ ދައްކައިފި!

ކިޔުމަށް ހޭދަވާނީ 1މ 57ސ
ރައްކާތެރި މާހައުލެއް ނެތް ކަމަށްބުނެ ފުލުހަށް ހާޒިރުވުމަށް ޝަހިންދާ އާއި އަޒްރާ ބަހަނާ ދައްކައިފި!

ރާއްޖޭގައި ރައްކާތެރި މާހައުލެއް ނެތް ކަމަށް ބުނެ ފުލުހަށް ހާޒިރުވާން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ އިސް ދެ ފަރާތް ކަމުގައިވާ ޝަހިންދާ އިސްމާއިލް އާއި އަޒްރާ ނަސީމް ބަހަނާ ދައްކައިފިއެވެ.

އިސްލާމް ދީނާއި ޚިލާފު ވާހަކަތަކެއް ހިމަނައިގެން ރިޕޯޓެއް ނެރުނު މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް މި ދެމީހުންނަށް އަންގާފައިވާއިރު، ފުލުހުން މިއަދު ބުނީ ސަލާމަތީ ސަބަބުތަކަށްތަކައި އަދި ރައްކާތެރި މާހައުލެއް ރާއްޖެއިން ލިބޭނެކަމުގެ ޔަގީންކަން ނެތުމާއެކު، ރާއްޖެއައުމަށް އުޒުރުވެރިވާ ކަމަށް ބުނެ ޝަހިންދާއާއި އަޒްރާ ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ. އަދި މިކަމާއިމެދު ދެން އިތުރަށް އަމަލުކުރައްވާނެ ގޮތެއް ވެސް ފުލުހުން ހާމަ ކުރައްވާފައެއް ނުވެއެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ ޝަހިންދާއާއި އަޒްރާއަށް ޗިޓު ފޮނުވާފައިވާ ކަމަށާއި އެދެމީހުން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް 14 ދުވަހުގެ މުއްދަތެއް ވެސް ދީފައިވާ ކަމަށެވެ. މިމައްސަލައިގެ ތަހުގީގު ފުލުހުންގެ މުއައްސަސާއިން ފެށިިއިރުވެސް، އަޒްރާއާއި ޝަހިންދާ ތިބީ ރާއްޖެއިން ބޭރުގައެވެ.

އެމްޑީއެން އިން ނެރުނު "ޕްރިލިމިނެރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު، އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މިމައްސަލައިގެ ތަހުގީގުގައި، ފުލުހުން ވަނީ ދީނީ ޢިލްމުވެރިންތަކެއްލައްވާ އެރިޕޯޓު އިތުރަށް ދިރާސާ ކޮށްފައެވެ. އަދި އެދިރާސާތަކަށްފަހު ފުލުހުންވެސް ހާމަކޮށްފައިވަނީ، އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަ ކޮށްފައިވާ ކަަމަށް ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ، އެމުއައްސަސާއިން ބެލި ބެލުމުން އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ދީނަށް ފާޑުކިޔައި، ތައުހީނުކޮށް ފުރައްސާރަ ކޮށްފައިވާކަން ހާމަވާތީ އެކަން ޔޫތު މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ. 

ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް ނެރެފައިވާ އެރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ޔޫތު މިނިސްޓްރީން ކުރިން ވަނީ އެމްޑީއެން ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމްދީނަށާއި ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އަށް ފުރައްސާރަ ކޮށްފައިވުމުން، ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ގޮވާލާފައިވަނީ އެމްޑީއެން އުވާލުމަށެވެ.

މިއަދު އޮންލައިން