ފުލުހުން ބަޔާން ނެރެ އެންގުމުންވެސް އެމްޑީއެން އުވާނުލައި ލަސްކުރަނީ ފައިސާގެ މައްސަލައަކުން ކަމަށްވާނަމަ, އަދަދު އަންގަވާލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ފުލުހުން ބަޔާން ނެރެ އެންގުމުންވެސް އެމްޑީއެން އުވާނުލައި ލަސްކުރަނީ ފައިސާގެ މައްސަލައަކުން ކަމަށްވާނަމަ, އަދަދު އަންގަވާލައްވާ!

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންމަ އެމްޑީއެން އިން ރިޕޯޓެއްގެ ނަމުގައި ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިއަ ތަޙްޤީޤް ނިންމައި އެރިޕޯޓުގައި ހުރި މައްސަލަތައް ކަމަށް ދީނީ ޢިލްމުވެރިން ފާހަގަކުރައްވަމުން ގެންދެވި މައްސަލަތައް ހަމަ އެގޮތަށް އެބަހުރިކަން ސާބިތުވުމުން ޖަމިއްޔާތަކުގެ ބެލެނިވެރިކަމަށް ފަހުން ހަމަޖެއްސި ޔޫތް މިނިސްޓްރީއަށް އެންގުމުން ވެސް އެ ޖަމިއްޔާ އުވާނުލައި ލަސްކުރަނީ ފައިސާގެ މައްސަލައަކުން ކަމަށްވާނަމަ އަދަދު އަނގަވައިލަދެއްވުން ގިނަބައަކު އެބަ އެދެއެވެ. 

އެމްޑީއެން އުވާލުން ލަސްވާތީ ކަންބޮޑުވާ ގިނަ ބައަކު ސުވާލު އުފައްދާ ދެކަމެއް ވެއެވެ. ފުރަތަމަ ކަމަކީ އެރިޕޯޓް ނެރުނު ވެރިކަމުގައި އޮތް ރައީސް ޔާމީނުގެ ސަރުކާރުގެ އިސް ބައަކަށް ކެނެޑާ ފަންޑުން ފައިސާ ލިބުމެވެ. އެސުވާލު އުފެދެނީ އެ ރިޕޯޓް ނެރުނު ފަހުން ޝަހިންދާ ޓްވީޓް ކުރި މާ އާދައިގެ މައްސަލަތައް ބެލިއިރުވެސް ރިޕޯޓުގެ މައްސަލަ ބަލާފައި ނުވުމެވެ. 

ދެވަނަ ސުވާލަކީ ރިޕޯޓް ނެރެން ޚަރަދުކުރި ކެނެޑާ ފަންޑުން މިސަރުކާރުގެ އިސް މީހަކަށް ފައިސާ ލިބިފައިވަނީ ހެއްޔެވެ؟ މި ސުވާލު އުފެދެނީ ޤާނޫނާއި ޚިލާފުވެފައިވާ އަދި އިސްލާމް ދީނާއި ﷲ ތަޢާލާ އާއި ރަސޫލް (ޞޢވ) ގެ ޙައްޤުފުޅުތަކަށް ފައުޅުގައި އަރައިގެންފައިވާ މި ބޮޑު ޖަރީމާގެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިއަ ތަޙްޤީޤް ނިމުމުންވެސް ޖަމިއްޔާ އުވާނުލައި ލަސްކުރާތީއެވެ. 

މިސުވާލުތައް ބޮޑަށް އުފެދޭ ގޮތަކީ އެމްޑީއެން ސަސްޕެންޑްކުރި ޚަބަރު ޢާންމުކުރީވެސް ސަރުކާރުގެ ރަސްމީ ގަދީގައި ނޫން ކަމަށްވެފައި ރޭ އިރާކޮޅު ފުލުހުން ބަޔާން ނެރުމުން މިވަގުތާއި ހަމައަށްވެސް އުވާލާފައި ނުވާތީ އުވާލަން މިހާރު އޮތް އޮތް ހުރަހެއް ސާފުނުވާތީއެވެ. 

މީގެ އިތުރުންވެސް ސުވާލެއް އުފެދެއެވެ. އެއީ ފުލުހުން ކުރި ތަޙްޤީޤް އަލުން ކުރަން ޖެހެނީ ކަމާއިމެދުގައެވެ. 

މިކަންކަމަށް ކަންބޮޑުވާ މީހުން ބުނަނީ ފައިސާގެ މައްސަލައެއް އޮތް ނަމަ އެކަން ހާމަކުރުމުން ސަލާން ޖަހައިގެން ފައިސާ ހޯދައިގެންވެސް އެލާރި ދައްކަން ތިބި ކަމަށެވެ. ވީމާ ޢަދަދު އަންގަވާލަ ދެއްވުމަށް އެދޭ ކަމަށެވެ. 

"އީމާންކަން ފުރިހަމަވަނީ އެމީހެއްގެ އަމިއްލަ ނަފަސާ މުދަލާ މައިންބަފައިންނާ އަނބިދަރިންނަށްވުރެ ރަސޫލް (ޞޢވ)އަށް ލޯބިވުން އިތުރުކޮށްގެން. އެއްވެސް މީހަކު އެމީހަކަށް، އެމީހެއްގެ އަނބިދަރިންނާ މައިންބަފައިންނަށް ފުރައްސާރަކުރީމާ މަޑަކުން ނުހުންނާނެ. ﷲ ތައާލާ އަށާ ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރީމާ މަޑުން ނުތިބެވިގެން މިއުޅެނީ އީމާންކަން ފުރިހަމަކުރަން މި މަސައްކަތް މިގޮތަށް ކުރަން ޖެހޭތީ. އަޅުގަނޑުމެންނަށް ފުރައްސާރަ ކުރީމާ ޖަމާވާނީ އެކޮޅަށް. ވީމާ ކެތްތެރިވެވިދާނެ. ނަމަވެސް މިއީ އެގޮތަށް މަޑުކުރެވެން އޮތް މައްސަލައެއް ނޫން." ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. 

އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން އެމްޑީއެން އުވާލަން ގޮވާލައި ހަރަކާތްތަކެއް ފެށީވެސް ފިޔަވަޅު އެޅުން ލަސްވާތީއެވެ. މިފަދަ ސުވާލުތައް އުފެއްދުމުގެ ފުރުޞަތު ލިބެނީވެސް ހަމަ ފިޔަވަޅު އެޅުމުގައި ފަހަތު ފައަށް ބުރަވާތީކަން ފާހަގަ ކުރެވެއެވެ.

 

މިއަދު އޮންލައިން