އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އައްޔަންކުރައްވާ މަގާމުގެ ލިޔުން މިއަދު ހަވާލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ފިޔާޒަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 21 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
ކުރީގެ ނޫސްވެރިޔާ ފިޔާޒު ވަނީ އާފަތިސް ނޫހާއި، މިއަދުނޫހާއި، ހަވީރު ނޫހުގައި މަސައްކަތް ކުރައްވާފަ އެވެ. ނޫސްވެރިކަމުގެ ދާއިރާގައި 19 އަހަރު ހިދުމަތް ކުރައްވާފައިވާ ފިޔާޒު އެންމެ ފަހުން މީޑިއާގައި މަސައްކަތް ކުރެއްވީ ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމުގަ އެވެ.