ރާއްޖެއަކީ މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަސައްވުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު ބަނޑޮސް މޯލްޑިވްސްގައި ފެށި ކެޕިޓަލް މާކެޓް ފޯރަމް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިން އާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓްގެ ވަސީލަތްތައް ބޭނުންކޮށްގެންކަމުގައެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ރާއްޖޭގައި ވިޔަފާރިތައް ފެށުމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ، އިތުރު ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓު ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން ނިޒާމު އޮތްކަމުގައި ވީނަމަވެސް ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބެންނެތްކަމުގައެވެ.
އެހެންކަމުން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކަންކުރާ އުޞޫލަށް ބަލާއިރު ރާއްޖޭގައިވެސް މި މައްސަލައަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ކެޕިޓަލް މާކެޓްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ފައްޓަވާފައިވާ ސްކީމްތައް، ކެޕިޓަލް މާކެޓު ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ފުޅާކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްޤީކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދު މިއަށް ވުރެ މަތީ ހަރުފަތަކަށް ގެންދިޔުމުގައިވެސް ވަރަށް ބޭނުންތެރި ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކަށްވެސް، މާލީ ނިޒާމު ތައްޔާރުވެފައި އޮތުމަކީ، މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ތިމާވެށީގެ ޙިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވެސް، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާއިރު، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްޤީ ޙާޞިލްކުރަން ބޭނުންވަނީ ވެސް ދެމެހެއްޓެނިވި ގޮތެއްގައިކަމަށާއި އެކަން ކުރެވޭނީ، ވަގުތީ ޙައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ޙައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަން ދީގެންކަމުގައެވެ. އަދި މިއަދު ފެށި ފޯރަމުގެ ބައިވެރިންވެސް ފޯރަމްގައި މަޝްވަރާކުރައްވާއިރު އެކަމަށް ވިސްނުން ބެހެއްޓެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކުރެވިފައިވާ 8 ކުންފުންޏަށް ދެއްވާ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ރައީސްއަށް ވެސް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ފެށި މި ފޯރަމަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމެވެ. ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމުގެ އެންމެ މުހިންމު މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ފައިސާ، ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމެވެ. މި ފޯރަމުގައި ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ކެޕިޓަލް މާކެޓްގައި ޝާމިލުވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ދާއިރާއާއި ގުޅުންހުރި ރާއްޖެއިން ބޭރުގެ މާހިރެއްގެ މަޝްވަރާތަކާ ހުށަހެޅުންތައް މި ފޯރުމުގައި ކުރިޔަށްދާނެއެވެ.