ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުވި މައްސަލަތަކެއް މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ހުށަހަޅާ، ބަލާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.
އެމިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރ މަހު، ކުޑަ ކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ 251 މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވެއެވެ.
އޭގެ ތެރޭގައި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލައަކާއި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއް މައްސަލަ މިދިޔަ ސެޕްޓެމްބަރ މަހު ރިޕޯޓު ކޮށްފައިވާކަމަށް އެމިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓު މަހު ހުށަހަޅާފައިވަނީ 168 މައްސަލައެވެ. ސެޕްޓެމްބަރު މަހު ހުށަހެޅުނު މައްސަލައިގެ ތެރެއިން 125 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. މިއީ އޮގަސްޓު މަހާ އަޅާބަލާއިރު 24 މައްސަލައިގެ އިތުރުވުމެކެވެ. އޮގަސްޓު މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 101 މައްސައެވެ.
މި މައްސަލަތަކުގެ ތެރޭގައި ކުޑަކުކުދިން ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ 3 މައްސަލަ އާއި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަވެސް ހިމެނެއެވެ.
މިދިޔަ މަހު ރިޕޯޓުކޯށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިދިޔަ މަހު އެފަދަ 37 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އޭގެ ކުރީމަހު ރިޕޯޓުކޮށްފައިވަނީ އެފަދަ 23 މައްސަލައެކެވެ.
މިދިޔަ މަހު އެންމެ ގިނައިން ދެން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނިއްކައާއި ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ ހާނިއްކައިގެ 27 މައްސަލަ އާއި ޖިންސީ ހާނިއްކައިގެ 24 މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ކުޑަކުދިންނަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކާއި ނަފްސާނީ ހާނީއްކައާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލަތަކާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ މައްސަލަވެސް ރިޕޯޓު ކޮށްފައިވެއެވެ.
ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޙައްޤުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ 7 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމާއި ވެކްސިން ނުދިނުމުގެ މައްސަލަތަކާއި އައިޑީކާޑާއި ޕާސްޕޯޓް އަދި އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ މައްސަލައަކާއި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ މައްސަލައެއްވެސް ހިމެނެއެވެ.
ސެޕްޓެމްބަރު މަހު ހުށަހެޅުނު ޢާއިލީ މައްސަލަތަކަށް ބަލާއިރު އޮގަސްޓު މަހަށްވުރެ 12 މައްސަލަ ވަނީ އިތުރު ވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 26 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުދިން ބެލުމުގައި ދިމާވާ މައްސަލަތަކާއި ކުދިންނާ ބައްދަލުނުކުރެވޭ މައްސަލަތަކާއި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ މައްސަލަތަކެވެ.
މީގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 6 މައްސަލަވެސް މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 14 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.