ސިޔާސީ ހުޅު ރޯކުރަނީ ދީނީ ޢިލްމުވެރިންނެއް ނޫން ކަމަށާއި ބައަކު މީހުންނަ ސިޔާސީ ފައިދާ ނަގަން ފުރުޞަތު ލިބިފައި އޮތް ނަމަ އޮތީ ސީދާ ސަރުކާރުގެ އިހްމާލުން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ލާދީނީ އެމްޑީއެން އުވާނުލައި، އެ ޖަމިއްޔާ ޙިމާޔަތްކުރުމުގައި، ފާއިތުވާ ކޮންމެ ދުވަހަކީ ސަރުކާރަށް އޮތް ރައްޔިތުންގެ ތާއީދު އިތުރަށް ގެއްލިގެންދާ ދުވަހެއް ކަމަށާއި ވީމާ އަވަހަށް އެމްޑީއެން އުވާލައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
"މިހައިތަނަށް ރާއްޖެ ނުދެކޭފަދަ ބޮޑު ގޮންޖެހުމެއް، އެމްޑީއެން އިން ވަނީ އިސްލާމް ދީނާއި، ރާއްޖޭގެ ޤާނޫނުތަކަށް ޖަހައިފައެވެ. އެމްޑީއެން އުވާލަން ރައްޔިތުން ގޮވާލަނީ ޤާނޫނީ ގޮތުން އެ ޖަމިއްޔާ ވަގުތުން އުވައިލެވެން އޮތުމުންނެވެ. އެހެންކަމުން ރާއްޖޭގެ އެންމެހައި ޞައްހަ ދިވެހި ރައްޔިތުންގެ އަޑުއަހަން ސަރުކާރަށް އެބަ ޖެހެއެވެ."