އެންމެންގެ ރުހުން ހޯދުމަށްޓަކައި ﷲ ގެ ރުހިވޮޑިގަތުން ދޫކޮށްލާ މީހާއަށް ލިބޭނެ އެއްވެސް ރުހުމެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެންމެންގެ ރުހުން ހޯދުމަށްޓަކައި ﷲ ގެ ރުހިވޮޑިގަތުން ދޫކޮށްލާ މީހާއަށް ލިބޭނެ އެއްވެސް ރުހުމެއް ނެތް!: މުފްތީ މެންކް

މިހާރަކަށް އައިސް ގިނަ މީހުންނަކީ އެމީހުންގެ މަޝްހޫރުކަން އިތުރުކުރުމަށްޓަކައި އެންމެންގެ ރުހުން ހޯދަން މަސައްކަތްކުރާ މީހުންނެވެ. އެންމެންގެ ރުހުން ހޯދުމަށްޓަކައި އެފަދަ މީހުން ﷲ ތައާލާގެ ރުހިވޮޑިގަތުން ދޫކޮށްލައެވެ. ކީރިތި ޤުރްއާނާއި ސުންނަތް ދޫކޮށްލައެވެ. އަމަލެއް ނުކުރެއެވެ. ތަންފީޒެއްވެސް ނުކުރެއެވެ. 

އެފަދަ މީހުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދުނިޔޭގެ ފެންވަރުގައިވެސް މަޝްހޫރުވުމަށެވެ. އެފަދަ މީހުންނަށް ނުވިސްނޭ ކަމަކީ ލިބިފައިވާ މަޝްހޫރުކަމާއި ތަނަވަސްކަން ލިބުނީ ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ. އިތުރު ތަނަވަސްކަމާއި މަޝްހޫރުކަން ލިބޭނީ ވެސް ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ. 

މީސްތަކުންނޭވެ! ސޯޝަލް މީޑިއާގައި މަޘްހޫރުކަން އިތުރުކުރަން ތިއަ ކުރާ މަސައްކަތާއި ހޭދަކުރާ ވަގުތު ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ އަމަލެއް ކުރަން ނިކަން ހޭދަކޮށްބަލާށެވެ! އާޚިރަތް ދުވަހު ފައިދާ ކުރާނެ އަމަލެއް ކޮށްބަލާށެވެ! 

ބައެއް އިސްލާމީ ޤައުމުތަކަށް މިއަދު ބޮޑެތި މައްސަލަތައް ކުރިމަތިވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ޤްރުއާން ދޫކޮށްލައި ދުނިޔޭގެ ރުހުން ހޯދަން މަސައްކަތްކުރާތީ ނޫންހެއްޔެވެ؟ 

މުޅި ދުނިޔެ އެމީހަކަށް އިންތިހާއަށް ރުހުނު ނަމަވެސް އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭ ނަމަ އެމީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ ކޮންމެ މީހަކުވެސް ބަލަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުމުން އުޑުގައިވާ ހުރިހާ މަލާއިކަތުންގެ ރުހުން އެމީހަކަށް ލިބިގެންދެއެވެ. އެހިސާބުން ދުނިޔޭގައި ތިބި ހުރިހާ އެންމެންގެ ލޯބި އެމީހަކަށް ލިބިގެންދެއެވެ. 

މިކަމުން އެނގިގެންދަނީ ހޯދަން މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ދުނިޔޭގެ އެންމެންގެ ލޯތްބާއި އަދި އާޚިރަތްވެސް ލިބިގެންދާނެ ކަމެވެ. ޔަޤީންކުރަންވީ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނެތް މީހަކަށް ދުނިޔޭގެ ކިތަންމެ ގިނަ ބައަކު ތާއީދު ކުރި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން