ރައީސް ޞާލިޙްގެ ވާހަކަފުޅުން ވަރަށް ބޮޑު ޔަޤީންކަމެއް - އެހެނަސް ކުށް ކުރުމުން ފިޔަވަޅު އަޅުއްވައި ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
ރައީސް ޞާލިޙްގެ ވާހަކަފުޅުން ވަރަށް ބޮޑު ޔަޤީންކަމެއް - އެހެނަސް ކުށް ކުރުމުން ފިޔަވަޅު އަޅުއްވައި ދެއްވާ!

ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤްރީރުގައި ވަނީ އިސްލާމް ދީނަށް ބަދުބަސްބުނެ މާތް ﷲ އަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް ކީރިތި ޤުރްއާނަށް އިންކާރުކުރުމުން ފިޔަވަޅު އަޅުއްވަވާނެ ކަމާއި އެފަދަ ކަންކަން ކުރުމުގެ ފުރުޞަތު ނުދެއްވަވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ރައްޔިތުންނަށް ދެއްވަވައިފައެވެ. 

"އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް މިއަރުވަނީ، މީގެ ކުރިން މިކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިޔަސް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ދިފާޢުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، މާތް ﷲގެ ވާގިފުޅާއެކު،
މި ސަރުކާރުން ކުރާނެކަން." 

އަދިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 

"އަޅުގަނޑުމެންނަކީ، އެކަކު އަނެކަކަށް ރަނގަޅު ގޮތް ވިސްނައިދީގެން، ކަންކަން އޮޅުންފިލުވައިދީގެން، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ހުރި ބައަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި އެކަމަށް ޤާބިލް ޢިލްމުވެރިން އެބަ ތިއްބެވި. އިސްލާމީ ރިސާލަތުގެ އަސާސަކީވެސް، ޙިކްމަތްތެރިކަމާއި ރިވެތި ނަޞޭޙަތުން މީހުންނަށް ކަންކަން ވިސްނައިދީ، ހެޔޮ މަގު ދެއްކުން." 

މިއީ ވެސް ވަރަށް ޙިކުމަތްތެރި ބަސްފުޅުތަކެކެވެ. މައްސަލަތައް ޙަލުކުރެވޭނީ ވިސްނައިދީގެންނެވެ. އިސްލާމް ދީނާއިމެދު އުފެދޭ ޝައްކުތައް ފިލުވައިލެވޭނީ އިސްލާމް ދީނުގައިވާ ޞައްޙަގޮތް ބަޔާންކޮށްދީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވައިދެވުނު މިންވަރަކުންނެވެ. އިސްލާމް ދީން ކުރިއަރައިގެން އައީވެސް މިމަތިވެރި އުޞޫލުންނެވެ. ރަސޫލް (ޞޢވ) އާއި ޞަޙާބީން ބޭނުންފުޅު ކުރެއްވެވީ މި މަތިވެރި އުޞޫލެވެ. 

އައިއެސް އިން އަމަލުކުރާ އުޞޫލާއި އެއްގޮތަށް މުސްލިމުން ނޫން މީހަކު ފެންނައިރަށް އަތުލައިގަނެގެން ގެންގޮސް ބޯކަނޑައިލާ އުޞޫލުން، އެސިޑަށްލައި ވިރުވާލާ އުޞޫލުން އަމަލުކުރުމަކީ އިސްލާމް ދީނުގައި އަމަލުކުރަން އޮންނަ ގޮތެއް ނޫނެވެ. އޮތީ ދީނަށް ދައުވަތު ދިނުމެވެ. ދީނުގައި ތިބި މީހުންނަށް ޢަޤީދާ ގެ ފިލާވަޅުތައް ދިނުމެވެ. 

ނަމަވެސް އިސްލާމް ދީނާއި މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމުން ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އެޅުމަކީ މުޅިން ތަފާތު ކަމެކެވެ. އެއީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ނޫންނަމަ އެކަން ވާނީ މުޖުތަމައުއަށް ބޮޑު މުޞީބާތަކަށެވެ. ނަޞޭޙަތް ދިނުމާއި މާފްކުރުމާއި ކުށްވެރިންނަށް އަދަބު ދިނުމަކީ މުޅިން ތަފާތު ކަންކަމެވެ. 

ރާއްޖޭގައި ހިރޮއިން ޢާންމުވި ގޮތަށް ބައްލަވާށެވެ! އެއީ ޝާހީ ގެކޮޅުތަކުގެ ތެރެއިން ކުރަން ފެށުނު ކަމަކަށްވުމުން އަދަބު ދިނުން ލަސްކުރުން ވެގެން ދިއައީ މުޅި ދިވެހި މުޖުތަމައު މިއަދު މިއޮތް ޙާލަތަށް ވެއްޓިގެން ދިއުން ނޫންތޯއެވެ؟ ޅިޔަނާއި ކޮއްކޮ ގުޅިގެން ހިންގި ވިޔަފާރިއަކަށްވުމުން މުޅި ރާއްޖެއަށް ވަބާ ފެތުރެންދެން އަޅައިވެސް ނުލީ ނޫންތޯއެވެ! ސްކޫލުތަކަށް ފުލުހުން ފޮނުވައިގެން ބޭނުންކުރަން ދަސްކޮށްދީ އިޝްތިހާރުވެސް ކުރީ ނޫންތޯއެވެ؟ ހޭލުންތެރި ކުރުވުނީ މަސްތުވާތަކެތި ބޭނުންކުރަން ނޫންތޯއެވެ؟ 

މިއަދުގެ ހާލަތުގައި އިސްލާމް ދީނާއިމެދު ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސް ވަރަށް ވިސްނުންތެރިކަމާއިއެކު ނުކުރެވިއްޖެ ނަމަ ބޭނުންވާ މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. ކޮންމެ ދުވަހަކު 5 ނަމާދު ކުރުމަކީ ހަރުކަށިކަން ކަމަށް ވިސްނައިދެވިގެން ނުވާނެއެވެ. އަދި ﷲ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް އަމަލުކުރުމަކީ ވެސް ހަރުކަށިކަން ކަމަށް ބުނެދެވިގެންނުވާނެއެވެ. ދީނުގައި ހުރި ޙައްދުތަކަކީ އަނިޔާ ކަމަށްވެސް ބުނެދެވިގެން ނުވާނެއެވެ. 

ﷲ ތަޢާލާ ވަނީ އަނިޔާވެރިކަން އެކަލާނގެ ޒާތުފުޅަށް ޙަރާމްކުރައްވަވައިފައެވެ. ވީމާ އަނިޔާއަކަށްވާނެ އެއްވެސް ޙައްދެއް އިސްލާމް ދީނަކު ނުއޮންނާނެއެވެ!

 

މިއަދު އޮންލައިން