ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ލިބިފައިވަނީ ކުރި ޙަލާލު މަސައްކަތުގެ އުޖޫރަ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މެމްބަރުންގެ ލިސްޓުގައި ހިމެނޭތީ، އެފައިސާ ލިބުނު ގޮތް ސާފުކޮށްދެއްވުމުގެގޮތުން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އަލީ ހުސައިން ވިދާޅުވީ އަދީބު ދިން ފައިސާ އަކީ ގާނޫނީ ލެޖިޓިމޭޓް ހުއްދަ މަސައްކަތްތަކެއް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށާއި 2011 ވަނަ އަހަރުން ފެށިގެން އަދީބަށް އެކި އެކި ގާނޫނީ މަސައްކަތް ކޮށްދީފައިވާނެ ކަމަށެވެ. އަދި އޭނާގެ ނަން ލިސްޓުގައި އޮވެގެން ނުވާނެ ކަމަށެވެ.
އަދީބުގެ ބައްޕަ ފުލުހަށް ހާޒިރު ކުރުމުން ވަކީލެއްގެ ގޮތުގައި ވަޑައިގަތުމާއި، އަދީބާ ގުޅުން އޮންނަ ތިން ކުންފުންޏެއްގެ ވަކީލުކަން ކުރެއްވުމާއި، އަދީބު މަސައްކަތް ކުރެއްވި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި، އަދީބުގެ ބޭނުމަށް ގާނޫނީ ރިސާޗް މަސައްކަތެއްވެސް ކޮށްދީފައިވާނެ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
18 ވަނަ މަޖިލީހުގެ ކެމްޕޭން ދުވަސްވަރު އެ ފައިސާ އަދީބު އަތުން ހޯދަން އެދުމުން ދެ ޕޭމަންޓަކުން ގާތްގަނޑަކަށް 500،000 ރުފިޔާ އޭނާއަށް ދީފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ އޭނާގެ ނަން ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓަށް އަރާ ނަމަ، އަދީބަށް އެހެނިހެން ސައްހަ މަސައްކަތްކޮށްދިން މީހުންގެ ނަންވެސް ލިސްޓަށް އަރަން ޖެހޭނެ ކަމަށެވެ. އެގޮތުން އަދީބު ހައްޔަރު ކުރުމަށް ފަހު ގާނޫނީ ވަކީލުކަން ކުރި މީހުންނަށް ލިބުނު ފައިސާގެ ވާހަކަވެސް އެ ލިސްޓަށް އަންނަން ޖެހޭނެ އަދި އަދީބު ތަންތަން ކުއްޔަށް ހިފައިގެން ދެއްކި ކުލީގެ ވާހަކަވެސް އެ ލިސްޓަށް އަންނަން ޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މެމްބަރުންގެ ލިސްޓުގައި ހިމެނޭތީ، ފައިސާ ލިބުނު ގޮތް ސާފުކޮށްދެއްވަން އަލީ ހުސައިން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަނީ އަމިއްލަފުޅަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފައެވެ.