ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުން ކަމަށާއި މުސްތަޤިއްލު ޤައުމެއްގެ ނަމުގައި ބައަކު އުފަންވެ، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނޭވާލުމުގެ ޙައްޤު ލިބިގެން އަންނަނީ، މި ސިފަތައް ފުރިހަމަވެގެން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަސް ފާހަގަކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ މި ރާއްޖޭގެ ލިޔެވިފައި އޮތް ތާރީޚު ހެކިދޭ ގޮތުން، ހިންދު ކަނޑުގެ ކުދި ޖަޒީރާތަކެއްގެ މާބަނޑުން، ދިވެހިރާއްޖެޔޭ މިކިޔާ ދައުލަތް އުފަންވެ ނޭވާލާން ފެށީ، މިފަދަ ހުރިހާ މިނިވަންކަމަކާއި ހުރިހާ ހައިސިއްޔަތެއް ލިބިގެންނެވެ. އެއާއިއެކުވެސް، ދުނިޔެއަށް ފެތުރުނު ސިޔާސީ އަޅުވެތިކަމާއި، އިސްތިޢުމާރީ އޮއިވަރުގެ ތެރޭގައި، ރާއްޖޭގެ މި ދެންނެވި ސިފަތައް، އެތައް ފަހަރަކު ގެއްލިގެންދިއަ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް، ރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި މި ފާހަގަކުރަނީ، ކީއްވެތޯ އަޅުގަނޑުމެން އެބަ ބަލައިލަންޖެހޭ. އަދި އަޅުގަނޑުމެންގެ ޤައުމިއްޔަތަކީ ކޮބައިތޯވެސް އެބަ ބަލައިލަންޖެހޭ. އެހެނީ ޤައުމެއްގެ މިނިވަންކަން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެބައެއްގެ ޤައުމިއްޔަތަށް އަރާ ލޮޅުންތައް. ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބަހާތަކަކީ، އަޅުގަނޑުމެން އެ ދީނެއް ގަބޫލުކޮށްގެން މިތިބަ، މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ މާދަރީ ބަހާއި، އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތާއި ތަރިކަ.
އާދެ މީގެ 460 އަހަރު ކުރިން އުތީމު ތިން ބެއިން، ޤައުމީ ޖިހާދަށް ނުކުމެވަޑައިގެންނެވިއިރު، މި ރާއްޖޭގެ ޤައުމިއްޔަތުން ނުގެއްލޭ އެންމެ ސިފައެއް، ނިގުޅައިނުގަންނަ އެންމެ މިނިވަންކަމެއް، އަދި ދިވެހިންގެ ކިބައިން ފޭރިނުގަންނަ އެންމެ ޙައްޤެއްވެސް ނެތް. މިއީ އެ މިނިވަންކަމާއި، އެ ޙައްޤުތަކާއި އެ ޤައުމިއްޔަތު އަނބުރާ ދިވެހިންނަށް ލިބުމުގެ އުފާވެރި ހަނދާންތައް އައުކުރާ ދުވަސް.
ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަށްފަހު، ފާއިތުވެގެން މިދިޔަ އަހަރުތަކުގައި ދިވެހިންގެ ޤައުމިއްޔަތާއި މިނިވަންކަމަށް ލޮޅުންއެރި ބައެއް ޙާދިޘާތައް އަޅުގަނޑުމެންނާ ކުރިމަތިވި. އެއިން ކޮންމެ ފަހަރަކު މި ޤައުމުގެ މިނިވަންކަމާއި ޤައުމިއްޔަތު ދިފާޢުކުރުމަށް، ހިތްވަރުގަދަ، ކެރޭ ދިވެހި ދަރިންތަކެއް ވަނީ ނުކުމެފައި. މިއަދަކީ އެފަދަ ހުރިހާ ޤައުމީ ބަޠަލުންގެ ޒިކުރާ އައުކުރަންވީ ދުވަސް.
އާދެ! މަތިވެރިވި ދިވެހި އަޖްދާދުންނަށް މަތިމައްޗަށް ހުންނަ މި ސާބަސްތައް
ފަތިފައްޗަށް އަމުނައިގެން މިގޮތަށް، މަތިވެރި ޝުކުރު އަދާކުރަންވީ ދުވަސް.