އިސްލާމް ދިނާ ދެކޮޅު ކަންކަން ދިވެހިންގެ ސިކުނޑިއަށް ވެއްދިއަ ނުދިނުމަށް މަސައްކަތް ކުރަން ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
އިސްލާމް ދިނާ ދެކޮޅު ކަންކަން ދިވެހިންގެ ސިކުނޑިއަށް ވެއްދިއަ ނުދިނުމަށް މަސައްކަތް ކުރަން ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

ދިވެހިންގެ ސިކުނޑިތަކަށް އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާފަދަ ކަންކަނވެރިކުރުވުމަށް އިސްލާމް ދީނުގެ ޢަދުއްވުން ކުރަމުން ގެންދާ މަސައްކަތްތަކަށް  ފުރުޞަތު ނުދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.  

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ދީނީ ޢިލްމުވެރިންގެ އަރިހުން ދެކަމަކަށް އެދިވަޑައިގެން އިލްތިމާސް ކުރައްވައިފައެވެ.  

ފުރަތަމަ ކަމަކީ "ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމުގެ ފުރުޞަތު"  އެއްވެސް ބައަކަށް ނުދެއްވުމެވެ. ދެވަނަ ކަމަކީ އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުޞަތު ނުދެއްވުމެވެ. 

އެމަނިކުފާނު މިފަދަ އިލްތިމާސެއް ކުރައްވާފައި މިވަނީ އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއިމެދު ޝައްކު އުފައްދުވަން ހަމަ ދިވެހިންގެ ބައަކު އިސްތިބެ ރާއްޖޭގައި ތަފާތު، ބޮޑެތި މަސައްކަތްތައް ކުރަމުން ގެންދާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ. އެފަދަ ނުބައި ވަސްވާސްތަކުން ދިވެހިންގެ ސިކުނޑިތައް ސަލާމަތްކުރުމަށް ދީނީ ޢިލްމުވެރިން މިހާރުވެސް ގެންދަވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:  

އަޅުގަނޑުގެ ހިތަށްއަރަނީ، އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ޙައްޤަކީބާވައޭ! ޞުލްޙަވެރިކަން، އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެބާވައޭ! އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުޞަތު ދެއްވާކަށް ނުވޭތޯއޭ!

މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ޤައުމު ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުން. މި ރާއްޖޭގެ ޤައުމިއްޔަތު ދެމެހެއްޓޭނީވެސް އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތުން. 

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމިއްޔަތު، ދިރުވައި އާލާކޮށް، ދިވެހި އުންމަތުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށް އަޅުގަނޑުމެން ކުރަމުން މި އަންނަ މަސައްކަތްތަކުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރައްވައި، އުފާވެރި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. 

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

 

 

މިއަދު އޮންލައިން