އިސްލާމް ދީނަށާއި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރުމުގެ ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ތަކުރާރު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 53ސ
އިސްލާމް ދީނަށާއި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރުމުގެ ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ތަކުރާރު ކުރައްވައިފި

ރާއްޖޭގައި އިސްލާމް ދީނަށާއި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރުމުގެ ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަކުރާރު ކުރައްވައިފިއެވެ. 

ޤައުމީ ދުވަސް ފާހަގަކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ " މި ޤައުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު، މި ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން-.

ހަމައެފަދައިން އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، މި ސަރުކާރުން ފުރުޞަތު ނުދޭނެ ވާހަކަ ދަންނަވަން." ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ ބައެއް މީހުން މިނިވަންކަމުގެ ނަމުގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، މާތްވެގެންވާ އިސްލާމްދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން އެބަދާކަމަށެވެ. އަދި ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ޙައްޤަކުން މަޙްރޫމް ކުރުން ކަމުގައިވެސް އެބަ ބުނާ ކަމަށާއި އަނެއް ބައަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން އެބަދާ ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ 21 ވަނަ ޤަރުނުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުން އަންނައިރު، މީގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި ހިފެހެއްޓިފައި ހުރި އެތައް މިނިވަންކަމަކާއި، ކިތަންމެ ޙައްޤެއް، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިއްޖެ ކަމަށެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ އިތުރުން ކިތަންމެ ޙައްޤަކާއި މިނިވަންކަމެއް މިވަނީ ލިބިފައި ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އެކަންކަމުގެ ރަނގަޅު ފައިދާ އަޅުގަނޑުމެންނަށް އިންތިހާއަށް އެބަ ލިބޭ ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަން އެއްވެސް އިމެއް މިނެއްނެތި، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. "މިއަދު ހިތާމައާއެކު ދަންނަވަން ޖެހެނީ، އެކަމުގެ ނުރަނގަޅު އަސަރު އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އަދި ޢާންމު ދިރިއުޅުމަށްވެސް ފޯރާފައިވާ ވާހަކަ. މިއީ ފެންނަން އޮތް ޙަޤީޤަތެއް." 

އަޅުގަނޑުމެންގެ ޒަމާންވީ އާދަކާދައާއި ސަގާފަތާ ބީރައްޓެހި ގޮތްތައް، ޢާންމު ދިރިއުޅުމުގެ ތެރެއަށް އެބަ ވައްދާ. ދީނުގެ ދިފާޢުގައި ކަމަށް ބުނެ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވަމުން އެބަދޭ. އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވައި، ޢާއިލާތައް ބިކަކުރަމުން އެބަދޭ. މިއަދު އެއްފަހަރާ އެއްއަޑުން އަޅުގަނޑުމެން އެންމެން މިކަންކަމަށް ނޫނެކޭ ބުނަން އެބަޖެހޭ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ވާހަކަފުޅުން: 

މިއީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫން. މިއީ މީގެ އެތައް އަހަރެއް ކުރިން ފެށުނު ކަމެއް. މިއަދު އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، މިއަދު މިކަންކަމާ ދެކޮޅަށް ޝުޢޫރު ފާޅުކުރަމުން ގެންދަވާ ސިޔާސީ ބޭފުޅުން އެދުވަހު ކޮބައިތޯ؟ 

މިކަންކަން ފެށިގެން އައިއިރު، މި ރާއްޖޭގެ ވެރިކަމުގައިވެސް ބައަކު ތިބި. ނަމަވެސް އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިޙްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ޙަޤީޤަތުގައިވެސް، އިޚްލާޞްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަން އެބަޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް. 

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ ޢަޤީދާ، އަޅުގަނޑުމެންނާ ވަކިކޮށްލެވޭ ވަރަށްވުރެ، އަޅުގަނޑުމެންގެ އީމާންތެރިކަން މާ ވަރުގަދަ. 

އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް މިއަރުވަނީ، މީގެ ކުރިން މިކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިޔަސް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ދިފާޢުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، މާތް ﷲގެ ވާގިފުޅާއެކު،
މި ސަރުކާރުން ކުރާނެކަން.

ހަމައެފަދައިން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައްވެސް، ޤާނޫނުއަސާސީ ތަންދޭ އެންމެ ފުޅާމިނުގައި ބޭނުންކުރުމުގެ ފުރުޞަތު، ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭނެކަން އަޅުގަނޑު ޔަޤީންކޮށް އަރުވަން. މި ސަރުކާރުން އެ މިނިވަންކަމަށް ހުރަހެއްނާޅާނެ.

އަޅުގަނޑުމެންނަކީ، އެކަކު އަނެކަކަށް ރަނގަޅު ގޮތް ވިސްނައިދީގެން، ކަންކަން އޮޅުންފިލުވައިދީގެން، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ހުރި ބައަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި އެކަމަށް ޤާބިލް ޢިލްމުވެރިން އެބަ ތިއްބެވި. އިސްލާމީ ރިސާލަތުގެ އަސާސަކީވެސް، ޙިކްމަތްތެރިކަމާއި ރިވެތި ނަޞޭޙަތުން މީހުންނަށް ކަންކަން ވިސްނައިދީ، ހެޔޮ މަގު ދެއްކުން.

 

މިއަދު އޮންލައިން