ގިނަ ބައެއްގެ އެދުން!: ފުލުހުންނަށް ދިރާސާކޮށްދޭ ޝައިޚުންގެ ނިންމުމުގަ ރިޕޯޓްގަ ހުރި ހުރިހާ މައްސަލަތައް ހިމަނައި ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ގިނަ ބައެއްގެ އެދުން!: ފުލުހުންނަށް ދިރާސާކޮށްދޭ ޝައިޚުންގެ ނިންމުމުގަ ރިޕޯޓްގަ ހުރި ހުރިހާ މައްސަލަތައް ހިމަނައި ދެއްވާ!

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން އެމްޑީއެންގެ ރިޕޯޓުގެ ތަފްޞީލީ ތަޙްޤީޤެއް ކުރުމަށް ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންގެ ވަކި ޚާއްޞަ ކޮމިޓީއެއްގެ ދަށުން މަސައްކަތް ކުރަމުން ދަނިކޮށް، ފުލުހުން އަމިއްލައަށް ވަކި 3 ދީނީ ޢިލްމުވެރިއެއް ނަގައިގެން އެމްޑީއެންގެ ދީނާ ޚިލާފު ރިޕޯޓުގެ ތަޙްޤީޤު ކުރަމުން ގެންދާތީ ގިނަ ބައަކު ދަނީ ތަފާތު ސުވާލުތައް އުފައްދަމުންނެވެ. ތަފާތު ތުހުމަތުތައްވެސް ކުރަމުންނެވެ. 

ފުލުހުން އެފަދަ ނިންމުމެއް ނިންމި ސަބަބެއްކަމަށް ބެލެވެނީ އިސްލާމިކް މިނިސްޓްރީއަކީ ދައުވާ ކުރާ ފަރާތްކަމުގައިވުމެވެ. 

މިކަމާއި ގުޅިގެން ކަންބޮޑުވުން ފައުޅު ކުރެއްވި ބޭފުޅަކު ވިދާޅުވީ މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ގިނަ ޢަދަދެއްގެ މައްސަލަތައް ތަޙްޤީޤުގައި ނުވަތަ ދިރާސާގައި ނުހިމަނައި، އޭގެ ތެރެއިން ވަރަށް މަދު ނުގުތާއެއް ފާހަގަ ކޮށްފައި ޢާއްމު ކޮށްފި ނަމަ ދެން ކުރިމަތިވާނެ މައްސަލަތައް ކަމަށެވެ. "ރައީސް ނަޝީދު ފާހަގަކުރައްވާ ބަހުރުވައިގެ މައްސަލަތަކާއި އެނޫން ވެސް އެޒާތުގެ ބައެއް ކުދިކުދި މައްސަލަތައް ފާހަގަކޮށްފައި ނިންމާލައިފިނަމަ ޢިލްމްވެރިންވެސް ރައްޔިތުންވެސް ބަލައެއް ނުގަންނާނެ. އެއީ ޢިލްމުވެރިން ނޫން ގިނަ ބައަކުވެސް މިހާރު ވަނީ ރިޕޯޓް ދިރާސާކޮށްފަ. ވީމާ ހުރި މައްސަލަތައް އެންމެންނަށްވެސް އެނގޭ."  

"މިހާރު ކަންކަން މިގެންދާ ގޮތުން އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުން އެމްޑީއެންގެ ސަސްޕެންޝަން ވެސްއުވާލާނެ! އެމައްސަލައިގެ ހިމެނުނު މީހުންނަށް ހަމައެކަނި ނަޞޭޙަތް ދީފައި މައްސަލަ ފައިލް ކުރާނީ. އެގޮތަށް އެކަން ކޮށްފި ނަމަ ރިޕޯޓް މިހާރުވެސް ދިރާސާ ކުރައްވާފައިވާ ޢިލްމްވެރިންގެ ހޯއްދެވުންތަކަކާ ދިމައެއް ނުވާނެ. އަދި ޙަޤީޤަތެއްވެސް ހާމައެއް ނުވާނެ. ދެން ރައީސް ނަޝީދު ވިދާޅުވަން އޮންނާނެ މިއޮތީއޭ ދީނީ ޢިލްމުވެރިންގެ ނިންމުމަކީ. އެކަމަކު އެއީ އެންމެ 3 ޢިލްމްވެރިން ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ. އެ ރިޕޯޓް މިހާރުވެސް ވަނީ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ދިރާސާ ކުރައްވާފަ. އިސްލާމިކް މިނިސްޓްރީން އެގެންދަނީ ޚާއްޞަ ކޮމިޓީއެއް ނަގައިގެން ދިރާސާ ކުރަމުން." ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ރިޕޯޓް ދިރާސާކުރަމުން ގެންދާ ކަމަށެވެ. އިތުރު ތަފްޞީލް ހާމައެއް ނުކުރެއެވެ. ނަމަވެސް މައްސަލައިގެ އެންމެ ފުރިހަމަ ތަޙްޤީޤެއް ހިންގާނެ ކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ. އެހެންކަމުން ގިނަ ބައަކު ބުނަމުން ދަނީ މައްސަލައިގެ އިންޞާފު ލިބޭނެ ކަމަށް ޔަޤީންކުރާ ކަމަށެވެ. 

މިފަދަ ރިޕޯޓެއް އެންމެ ފުރިހަމައަށް ދިރާސާ ކުރާނަމަ އެކަން ކުރެވޭނެ 2 ޔުނިވަރިސިޓީވެސް ރާއްޖޭގައި އެބަހުއްޓެވެ. ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމީ ޔުނިވަރސިޓީގައި ރިސާޗް ކުރުމުގެ ޤާބިލުކަންވެސް އެބަހުއްޓެވެ. 

ދީނީ ޢިލްމުވެރިންގެ ގުޅުމުން މިހާރުވެސް ވަނީ ރިޕޯޓުގައި ގިނަ މައްސަލަތައް ފާހަގަކުރައްވައިފައެވެ. އަދި އެކަންކަމުގެ އިތުރު ތަފްޞީލާއިއެކު މިހާރުވެސް ގެންދަވަނީ ހާމަކުރައްވަމުންނެވެ. 

އިސްލާމިކް މިނިސްޓްރީން މިރޭ މައުލޫމާތު ލިބުނު ގޮތުގައި އެ މިނިސްޓްރީ އަކީ މި މައްސަލައިގައި ދައުވާ ކުރާ ފަރާތް ނަމަވެސް ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ފުރިހަމަކޮށް ތަފްޞީލުތައް އެމިނިސްޓްރީން ހާމަކުރާނެއެވެ. އެކަމުގެ ޔަޤީންކަން އެމިނިސްޓްރީން ވަނީ ނޫސްވެރިންނަށް ވެސް ދީފައެވެ. 

އެންމެންވެސް ބޭނުންވަނީ މައްސަލަ އެއިގެ ޙަޤީޤަތާއި އެއްގޮތަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ. ކުށްވެރިވާ ބައަކަށް ޙައްޤު އަދަބު ދިނުމެވެ. ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށްވެސް ވާނީ މިފަދަ ކަމެއްގެ ތަޙްޤީޤް ވީހައި ފުރިހަމައަށް ނިންމައި އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމެވެ. ތަފާތު ފިކުރުތައް އެނބުރެމުން މިދަނީ މައްސަލަ ނިންމައި ގިނަ ދުވަސްތަކެއް ހޭދަކުރާތީކަން ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން