ފަނޑިޔާރު އާދަމް މުޙައްމަދުގެ އަޑުއެހުން އަންނަ ބުދަ ދުވަހަށް ފަސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 27ސ
ފަނޑިޔާރު އާދަމް މުޙައްމަދުގެ އަޑުއެހުން އަންނަ ބުދަ ދުވަހަށް ފަސްކޮށްފި

ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހްމަތު ކުރެވޭ ސުލޫކީ މައްސަލައިގައި އަޑުއެހުން ފަސްކޮށްފިއެވެ.

އާދަމް މުޙައްމަދާއި ދެކޮޅަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލާގައި އަޑުއެހުން ފުރަތަމަ ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މާދަމާ މެންދުރުފަހު 14:00 ޖަހާއިރުއެވެ. އެހެންނަމަވެސް މި އަޑުއެހުން އަންނަ ބުދަދުވަހަށް ފަސްކޮށްފައިވާކަމަށާއި އަޑުއެހުން އޮންނާނީ އެދުވަހު ހެނދުނު 10:00 ޖަހާއިރުކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މި އަޑުއެހުން އޮންނާނީ ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑު އިންވެސްޓިގޭޝަން ސެކްޝަނުން (ޕޯސްޓް ބިލްޑިންގ 6 ވަނަ ފަނގިފިލާ) ގައެވެ. އަޑުއެހުމަށް ވަނުމުގެ ފުރުޞަތު އާންމުންނަށާއި މީޑީއާތަކަށްވެސް ޖާގަ އޮތް މިންވަރަކުން ލިބޭނެކަމަށް ޖޭއެސްސީއިން ވިދާޅުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު އާއި ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާ، އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ނިންމީ އާދަމް މުޙައްމަދު އެދިވަޑައިގަތުމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފާއި އާދަމް މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރާ ސުލޫކީ މައްސަލަތަކެއް ވެސް ބެލުމަށް ނިންމައި އެކަން އެ ފަނޑިޔާރުންނަށް އަންގާފައެވެ. އެ ނިންމުމާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ވަނީ އެ މައްސަލަތަކުގެ ތެރޭގައި ސުލޫކީ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ޖޭއެސްސީ އިން ކުރާ އެ މަސައްކަތަކީ ޤާނޫނާ ޚިލާފު މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. 

 

އެހެން ނަމަވެސް އާދަމް މުޙައްމަދު ޖޭއެސްސީގައި އެދިވަޑައިގަތީ އެ މައްސަލަތަކުގައި ޖޭއެސްސީން ސުވާލުކުރާއިރު ހުޅުވާލައިގެން އެކަން ކުރިއަށް ގެންދިއުމަށެވެ.

މިއަދު އޮންލައިން