ބ.އަތޮޅު ހޮސްޕިޓަލް ތަޅާލައި، ހަތަރު ބުރީގެ އިމާރާތެއް އަޅަނީ

ކިޔުމަށް ހޭދަވާނީ 1މ 24ސ
ބ.އަތޮޅު ހޮސްޕިޓަލް ތަޅާލައި، ހަތަރު ބުރީގެ އިމާރާތެއް އަޅަނީ

ބ.އަތޮޅު ހޮސްޕިޓަލުގައި ހަތަރު ބުރީގެ އިމާރާތެއް އަޅަން ނިންމައި، އަންނަމަހު، އިމާރާތް ކުރަން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިހާރު ކުރިއަށްދަނީ މަސައްކަތްކުރާނެ ބަޔަކު ހޯދު މުގެ މަސައްކަތް ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ހޮސްޕިޓަލްގެ ޚިދުމަތް މިހާރަށް ވުރެ ފުޅާކޮށް އެހޮސްޕިޓަލުން ލިބެންނެތް ޚިދުމަތް ދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި އިމާރާތުގައި، ޑައިލެސިސް ހިދުމަތް ދޭނެ ޚާއްޞަ ބަޔަކާ ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމަށް ޚާއްސަ ކުރެވިފައިވާ ބައެއް ހިމެނެއެވެ. ޑައިލިސިސް ޚިދުމަތް އެހޮސްޕިޓަލުގައި މިހާރު ޤާއިމް ކޮށްފައެއް ނުވެއެވެ. މީގެ އިތުރަށް ކުޑަކުދިންނާ، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ވޯޑްތަކަކާއި، ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމަށް ޚާއްސަ ކުރެވިފައިވާ ބައެއްގެ އިތުރުން ޕްރައިވެޓް ރޫމްތައް ހުންނާނެއެވެ.

މިއިމާރާތް އަޅަން ތައްޔާރުވަމުންދާއިރު، މިހާރު ހޮސްޕިޓަލުގެ އޮފީސް ހިންގާ އިމާރާތާއި އެތަނާ ޖެހިގެން ހުންނަ ރެސިޑެންސްގެ ގޮތުގައި ބޭނުން ކުރާ ބަޔާއި، ހޮސްޕިޓަލުން މިހާރު ބޭނުންކުރާ ޖާގައިންވެސް ބޮޑުބައެއް އުނިވާތީ އެތަނުން ދެމުންދިޔަ ޚިދުމަތް އެހެން ތަނަކަށް ބަދަލު ކުރަން ނިންމާފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި މިހާރު ހުރި ހޮސްޕިޓަލް ޢިމާރާތް ތަޅާލަން ޖެހޭ ކަމަށް ވެސް ހޮސްޕިޓަލުން މަޢުލޫމަތު ދެއްވައެވެ.

ބ.އަތޮޅު ހޮސްޕިޓަލްއަކީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ގިނަ ޢަދަދެއްގެ މެޑިކަލް ޗެކްއަޕް ހަދައިދީގެން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ގިނަ އާމްދަނީއެއް ހޯދާފައިވާ ހޮސްޕިޓަލެކެވެ. މިދިޔަ އަހަރު މިމަސައްކަތުން 8 މިލިއަނަށްވުރެ ގިނަރުފިޔާ ހޯދާފައިވާކަމަށް އެހޮސްޕިޓަލުގެ ތަފާސް ހިސާބުން ދައްކައެވެ.

މިއަދު އޮންލައިން