ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "މުއްސަނދިން ފަޤީރުންނަސްވުރެ ކުރިން ސުވަރުގެ ވަންނާނެއެވެ." ދެން ކުޑައިރުކޮޅަކު މަޑުކޮށްލެއްވެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވިއެވެ. "އޭ ޢައިޝާ އެވެ! ޙާލެއްގައި ޖެހިގެން (ކަމަކު ބޭނުންވެގެން) ތިބާގެ ގޭގެ ދޮރުމައްޗަށް އެރި މީހަކު އަނބުރާ ފޮނުވާ ނުލާށެވެ! ކަދުރު އޮށަކުން އެތިކޮޅެއް ނަމަވެސް އޭނާއަށް ދޭށެވެ! އެމީހުން ހައިހޫނުކަމުގައި ތިބި ޙާލަތުގައިވެސް އެމީހުންނަށް އިޙްތިރާމްކޮށް ލޯބި އަދާކުރާށެވެ! ފަޤީރުން ތިބާ އާއި ކައިރިކޮށްފިނަމަ ﷲ ތިބާ ﷲ އާއި ކުއްތަންކުރައްވަވާނެތެވެ!"
އެކި ޒަމާނުގައި މީހުން އެދިގެން އަންނަ ކަންކަން ތަފާތުވެދާނެއެވެ. ކޮންމެ ކަމަކު އެދިގެން ނަމަވެސް ފަޤީރަކު އަތުވެއްޖެ ނަމަ އަނބުރާ ފޮނުވާ ނުލާށެވެ! ފުއްދައިދެވެން އޮތް މިންވަރަކުން އެމީހާގެ ބޭނުން ފުއްދައިދޭށެވެ!
ނިކަން ވިސްނައިލަބަލާށެވެ! ފަޤީރުން ހާލުގައި ޖެހިގެން އައިސް ގޭގެ ދޮރުމައްޗަށް އެރުމުގެ ކުރިން ތިބާ އަމިއްލައަށް ގޮސް ފަޤީރުންގެ ބޭނުންތައް ފުއްދައިދޭ މީހާއަށް ދެއްވަވާނެ ސަވާބާއިމެދުގައެވެ. ފަޤީރުންނަކީ މިތުރުން ކަމުގައި ބަލައިގެން ގުޅުން ބާއްވާ މީހުން، ﷲ ތަޢާލާ އާއި ކުއްތަން ކުރައްވަވާނެ މިންވަރަށެވެ!