ދަރިންނަށް މަގު އޮޅުން ހުއްޓުވުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ އެކުދިންގެ އަޑު އެހުމެވެ. ކުދިން ދައްކާ ވާހަކަތައް އަޑު ނުއަހާނަމަ އެކުދިންގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަން ބޭނުމެއް ނުވާނެއެވެ. ނަތީޖާއަކަށްވާނީ މުބައި ނަޞޭޙަތް ދޭ މީހުންނާއި ވާހަކަ ދައްކަން ފެށުމެވެ. އެންމެފަހުން އެމީހުންގެ ބަސް ވެސް ޤަބޫލުކުރަން ފެށުމެވެ.
ނިކަން ވިސްނައިލަބަލާށެވެ! މުޝްރިކުން ރަސޫލް (ޞޢވ) ގެ އަރިއަހަށް އައިސް އެކަލޭގެފާނަކީ ސިހުރުވެރިއެކޭ، މިވެނި އެވެނި ކަހަލަ ބޭކަލެކޭ ކިޔައިގެން ނުކިޔަނީ ކޮން ނުބައި އެއްޗެއް ހެއްޔެވެ؟ ނަމަވެސް ދުވަހަކުވެސް އެފަދަ މީހަކު ވާހަކަ ދައްކަނިކޮށް ހުއްޓުވާފައެއް ނުވެއެވެ. އެމީހުން ދައްކާނެހައި ވާހަކައެއް ދައްކަން ފުރުޞަތު ދެއްވަވައެވެ. ޖަވާބު ދެއްވަވަނީ އެމީހުންގެ ވާހަކަ ނިމުނީތޯ ސުވާލުވެސް ކުރައްވައިފައެވެ. އެމީހުން ނިމުމުން، އެމިހުންގެ މައްސަލަތަކަށް ގިނައިން ޖަވާބު ދެއްވެވީ ކީރިތި ޤުރްއާނުންނެވެ.
އަހަރެމެންގެ ކިބައިގައިވެސް އެ ކެތްތެރިކަން ބަހައްޓަން މަސައްކަތްކުރަންވާނެއެވެ. ދަރިން ވެސް އަދި އެހެން މީހުން ވެސް ދައްކާ ވާހަކަތައް އަޑު އެހުމުގެ ޤާބިލުކަން ލިބިގަންނަން ވާނެއެވެ.
ދަރިން ނަމާދުކުރާތަން ފެންނަނަމަ އެއީ ވަރަށް ރަނގަޅު ކަމެކެވެ. ވަރަށް ބޮޑަށް އުފާކުރަން ޖެހޭނެ ކަމެކެވެ. ހަމަ އެއާއިއެކު މިކަމަށްވެސް ވިސްނައިލާށެވެ!
ގިނަ ބެލެނިވެރިން ދެކޭ ގޮތުގައި ކުއްޖަކު ނަމާދުކުރާނަމަ ހުރިހާ ކަމެއް ނިމުނީއެވެ. ދެން އޭނާގެ ހުރިހާ ކަމެއް ހުންނާނީ ރަނގަޅަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ. ނަމާދުގެ ރޫޙާނީ ބައި އަދާކުރެވުނު ވަރެއް އެނގޭނީ ހަމަ ނަމާދުކުރި މީހަކަށެވެ. ވީމާ ބޭރުފުށުން ނަމާދުކުރާތަން ފެނުމަކީ އަދި ހުރިހާ މައްސަލަތަކެއްގެ ޙައްލެއް ނޫނެވެ. ދަރިފުޅުގެ ކިބައިގައި ރޫޙާނީ ބައި ހުރި މިންވަރެއް އެނގޭނީ ދަރިންނާއި ގިނަގިނައިން ވާހަކަ ދައްކައިގެންނެވެ. އެކުދިންނާއިއެކު ވަގުތު ހޭދަކޮށްގެންނެވެ.
އަހަރެންނަށް ލިބިފައިވާ ބައެއް މައުލޫމާތަށް ބަލާއިރު އިސްލާމް ދީނާއި ދުރުހެލިވި ގިނަކުދިން ދުރުހެލިވާން މެދުވެރިވާ ސަބަބަކީ އެކުދިންގެ މައިންބަފައިން އެކުދިންގެ އަޑު ނުއެހުމެވެ. ވާހަކަ ދައްކަން ފުރުޞަތު ނުދިނުމެވެ. އެކަން މެދުވެރިވާ ގޮތަށް ވިސްނައިލާށެވެ!
އެކުދިން މައިންބަފައިންނާއި މަޝްވަރާކުރަން ބޭނުންވަނީ ވަރަށް ޢާދައިގެ ކުޑަކުޑަ ކަމެއްގައި ކަމަށްވެސް ވެދާނެއެވެ. މައިން ބަފައިން ފުރުޞަތު ނުދިނުމުން އެކަމާއިވާ ފޫހިން ބޮޑެތި މައްސަލަތަކުގައިވެސް މަޝްވަރާކުރަން ބޭނުން ނުވަނީއެވެ. ނަތީޖާއަކަށް ވަނީ އެބައަކާއި މަޝްވަރާ ކުރެވޭ މީހުންގެ ނުބައި ވިސްނުން ކުދިންގެ ސިކުނޑިތަކަށް ވެއްދުމުގެ ފުރުޞަތު ލިބުމެވެ.
ވީމާ ކުދިން އިސްލާމް ދީނާއި ކައިރި ކުރުވުމަށްޓަކައި ވެސް ކުދިންނާއި ވީހައި ގިނައިން ވާހަކަ ދައްކަން އެބަ ޖެހެއެވެ. ކުދިންގެ އަޑުއަހަން ޖެހެއެވެ. އެކުދިން ދައްކާ ވާހަކަތަކަށް އިޙްތިރާމް ކުރަންވެސް ޖެހެއެވެ.
- ނޫމާން ޢަލީ ޚާންގެ ދަރުސަކުން