ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖަޕާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖަޕާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު، އަލްފާޟިލް އަބްދުﷲ ޝާހިދު، ޖަޕާނުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ މރ. މޮޓޭގީ ޓޮޝިމިޓްސު އާ މިއަދު ޓޯކިޔޯގައި ބައްދަލުކުރައްވައިފިއެވެ.

ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ތަޚުތަށް އައު އެމްޕެރަރ އިސްކުރެއްވުމުގެ މުނާސަބަތާގުޅިގެން މަރުހަބާ ދަންނަވައި ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި މިނިސްޓަރ މޮޓެގީ، ޖަޕާނުގެ ފޮރިން މިނިސްޓަރުކަމަށް އައްޔަންކުރެއްވުން ފާހަގަކުރައްވައި، އެމަނިކުފާނަށްވެސް ވަނީ މަރުޙަބާ ދަންނަވާފައެވެ. މި ދަނޑިވަޅުގައި ޖަޕާނަށް ބާރުގަދަ ތޫފަނެއް އަރައި، ލިބުނު ގެއްލުންތަކާ ގުޅިގެން ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ރައްދުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނާ ރާއްޖޭގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމާގުޅޭގޮތުންނާއި، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީގައި ދެ ޤައުމުގެ ގުޅުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެެއްވިއެވެ. އަދި ހަމައެހެންމެ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި، ދެ ޤައުމުގެ ގުޅުން އިތުރުކުރުމާގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޒަމާނުއްސުރެ ޖަޕާނުން ދިވެހިރާއްޖޭގެ ތަރައްޤީއަށް، ޚާއްސަކޮށް މަސްވެރިކަމާއި ތިމާވެށްޓާއި ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވެދެއްވާފައިވާ އެހީ ފާހަގަކުރައްވައި ޖަޕާނަށް ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގެންނެވީ، ޖަޕާން ސަރުކާރުގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ޖަފާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.

މިއަދު އޮންލައިން