ގަވާއިދާ ޚިލާފަށް ފަތުރުވެރިކަން ކުރަމުންދިޔަ އދ. ފުށިދިއްގާގައި ހިންގާފައިވަނީ ޖަރީމާއެއް ކަމަށާއި އިންސާނިއްޔަތާ ޚިލާފަށް ބިދޭސީން ގެންގުޅެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފުށިދިއްގާގައި ހިންގާފައިވަނީ ޖަރީމާއެއް ކަމަށާއި އެގޮތުން ފުށިދިއްގާ އަކީ ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓު ލިބޭ ގޮތަށްހުރި ރަށެއް ކަމަށްވީ ނަމަވެސް އެ ރަށުގައި މަސައްކަތް ކުރަން ބައިތިއްބާފައިތިބި ގަވާއިދާ ހިލާފަށް ގެންގުޅުނު ބަންގްލަދޭޝް ދެމީހުން އުޅެނީ ކަނު އަނދިރީ ގައި ކަމަށެވެ.
''އަޅުގަނޑުމެންގެ ޓީމުތައް ރޭ އެރަށުން ފުރިއިރު އެރަށުގައި އެއްވެސް ކަހަލަ އަލިކަމެއް ވެސް ނެތް. އެރަށުގައި ޖަނަރޭޓަރެއް ވެސް ބަހައްޓާފައި ހުރޭ، އެކަމަކު އެ ބަހައްޓާފައި ހުންނަނީ ވިޔަފާރިއަށް އެ (ރަށަށް) އަރާ މީހުންނަށް ސާވް ކުރަންވާ ވަގުތަށް އެކަނި. އެމީހުން (ބަންގްލަދޭޝް ދެ މީހުން) ނިދަނީ ވެސް ފުޅިބައްތީގައި ކަނު އަނދިރީގައި ކަން ފާހަގަ ކުރަން... އެއީ އިންސާނިއްޔަތުކަމާ ހިލާފަށް ހިންގާފައި އޮތް ވަރަށް ދަށު ދަރަޖައިގެ ޖަރީމާއެއް ކަމަށް މި ދެކެނޭ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.
އަދި މިފަދަ ކަމެއް ދެން ތަކުރާރުވާން ބޭނުންނުވާ ކަމަށާއި އެގޮތުން ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ 115 ރަށުގައި ކުރަނީ ކޮން ކަމެއްތޯ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
ފުށިދިއްގާ މިވަގުތު އޮތީ ޓޫރިޒަމް މިނިސްޓްރީން ވަކިގޮތެއް އަންގަންދެން ފުލުހުންގެ ބެލުމުގެ ދަށުގައެވެ.