ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވަފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވަފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވަފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ބެންކޮކްގައި ހުޅުވުނު މިއެމްބަސީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކޮށް، ތައިލެންޑަށް ޒިޔާރަތްކުރާ އަދި އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް ފުޅާވެގެންދާނެ ކަމަށާއި އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ތައުލީމީ، އަސްކަރީ، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި މިގުޅުންތައް އިތުރަށް ފުޅާވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަސްމީ ވެބްސައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ.

ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވާފައި މިވަނީ ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިންނެވެ.

މި އެމްބަސީ ރަސްމީކޮށް ހުޅުވުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވަމުންދާކަމުގެ ނިޝާނެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން