ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި ބަޔަކު ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލެއް މައުލޫމާތު ދެއްވި ގޮތުގައި އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މައްޗަންގޯޅި ގެއެއް ބަލައިފާސްކުރުމަށްފަހުއެވެ. އެގޮތުން އެގެ ބަލައިފާސްކުރިއިރު 44 ފުޅި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 35 ސެލޯފިންކޮޅާއި މަނާ ބޭހުގެ 04 ގުޅަ ބޭސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނަމަވެސް މިމައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަފާލާތުގެ ދަށުން އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.