ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާ ގުޅޭ އެއްވެސް މައްސަލައެއް ޖޭއެސްސީން ބެލުމަކީ ގާނޫނުއަސާސީއާ ޚިލާފު ޣައިރު ދުސްތުރީ އަމަލެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ.
މިބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާ ގުޅޭ އެއްވެސް މައްސަލައެއް ޖޭއެސްސީން ބެލުމަކީ ގާނޫނުއަސާސީއާ ޚިލާފު ޣައިރު ދުސްތުރީ އަމަލެއް ކަމަށާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކޮށް ނަގަހައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އަދި ޖޭއެސްސީގެ މިއަމަލު ހުއްޓުވައިދެއްވުމަށްވެސް އުއްތަމަ ފަނޑިޔާރު ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށްވާތީ އެ ނިންމުން ނިންމި ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި، ސުޕްރީމް ކޯޓުގެ ނިންމުމުގެ ދުސްތޫރީ ނުވަތަ ގާނޫނީ ސައްހަ ކަމާމެދު ގޮތް ނިންމުމަށް ދައުލަތުގެ އެހެން އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުން ސައްހަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ގޮތުން ހިންގާ ކޮންމެ އިޖުރާތަކީ ބާތިލް ކަމެއް ކަމަށެވެ.
ރާއްޖޭގެ ކޯޓަކުން ނެރޭ އެއްވެސް ނިންމުމެއްގެ ޝަރުއިއްޔަތާ އަދި ދުސްތޫރިއްޔަތާ މެދު ގޮތް ކަނޑައެޅުމާއި، ކޯޓެއްގެ އެއްވެސް ކަހަލަ ގަޟައީ ނިންމުމެއް މުރާޖައާ ކުރުމާއި، އޭގެ މެރިޓް ވަޒަންކުރުމާއި، މެރިޓަށް ބަލައިގެން އެއްވެސް ފަނޑިޔާރަކަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަށްޓަކައި އެއްވެސް ކަހަލަ އިޖުރާއަތެއް ހިންގުމަކީ ޖޭއެސްސީއަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރެއް ނޫން ކަމަށާއި. އެހެންކަމުން ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމުގައި ޖޭއެސްސީގެ އެއްވެސް މެމްބަރަކު ބައިވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އަދި އެއީ މެންބަރުން ކުރައްވައިގެން ތިއްބަވާ ހުވަޔާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލަތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންވެސް ޖޭއެސްސީއަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ. ނަމަވެސް ޖޭއެސްސީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރު އިންކާރުކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.