އެމްޓީސީސީ އިން މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބެޓެރީން ދުއްވާ ބަސްތަކެއް ގެނައުމަށް ރާވާފައިވާ ކަމަށާއި އަދި މ، ފ އަދި ދ. އަތޮޅުގައި ދެމުންދިޔަ ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީ އިން ތައްޔާރުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓަކައި ދިރާސާތައް ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީ އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
އެމްޓީސީސީ ބުނެފައިވަނީ އިލެކްޓްރިކް ބަސް ގެންނަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި ބަސްތަކެއް މާލޭގައި ދުއްވުމުގެ މަގްސަދުގައި ކަމަށާއި މާލޭގެ މަގުތައް ހުންނަ ގޮތުގެ ސަބަބުން، ގެންނަ ބަސްތަކުގެ ދިގުމިނުގައި ހުންނާނީ 20 ފޫޓު ކަމަށާއި ބަހެއްގައި ދަތުރުކުރެވޭނީ 16 ފަސިންޖަރުންނަށް ކަމަށެވެ.
މާލެ އަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ އަށް ހައްލު ހޯދުމުގެ ގޮތުން މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.
މީގެއިތުރުން ވާމިލިއަން ކިޔާ އަމިއްލަ ކުންފުންޏަކުން މީގެކުރިން ފެރީގެ ޚިދުމަތް ދެމުންދިޔަ ތިންއަތޮޅަށް ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީ އިން ވަނީ ތައްޔާރުވެފައެވެ.
އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީ އިން މިހާރު ވާނީ އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަށް ހިނގާނެ ހަރަދުގެ ތަފްސީލު ވެސް މިނިސްޓްރީ އާ ހިއްސާކޮށްފައި ކަމަށާއި ހިދުމަތް ދިނުމަށް ތައްޔާރަށް އޮތްކަމަށެވެ. އަދި އެ ތިންއަތޮޅަށް އެމްޓީސީސީގެ ފެރީގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ހަސަން ޝާހު ވިދާޅުވިއެވެ.