އާދަޔާ ޚިލާފު ގޮތްތަކެއްވި ތުޅާދޫ ސްކޫލްގެ ދަރިވަރުންނަށް ކައުންސެލިން ދެނީ!

ކިޔުމަށް ހޭދަވާނީ 1މ 19ސ
އާދަޔާ ޚިލާފު ގޮތްތަކެއްވި ތުޅާދޫ ސްކޫލްގެ ދަރިވަރުންނަށް ކައުންސެލިން ދެނީ!

ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުންގެ ތެރެއިން އާދަޔާ ޚިލާފު ގޮތްތަކެއްވެ، ޚަބަރުހުސްވެގެން ވެއްޓުނު ދަރިވަރުންނަށް ކައުންސެލިން ދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

 

އެ ސްކޫލުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންތަކެއް ގޮތްތަކެއް ވާތީ އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ރަށަށް ގޮސްފަ އެވެ.

 

ރަށު ކައުންސިލުން އެއިރު ބުނެފައިވަނީ، އެފަދަ ގޮތްތަކެއް އެސްކޫލްގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ވަމުން އަންނަތާ މިހާރު 20 ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސްކޫލްގައި ހުންނަ ނިކަގަހެއް ކަނޑާލުމަށް ގޮވާލާ، އެސްކޫލްގެ ބެލެނިވެރިންތަކެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނިކުމެ އެސްކޫލްގައި ތަޅުވެސް އަޅުވާފައެވެ.

 

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އެކަން ދިމާވަނީ ތިން ކުއްޖަކަށް ކަމަށާއި އެ ކުދިން މި ވަގުތު ސްކޫލަށް ނުގެންދާ ކަމަށެވެ. އަދި އެކުދިން ގޭގައި ބައިތިއްބައިގެން ކައުންސެލިން ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

 

"ސްކޫލަށް އައިމާ އެ ކުދިންނަށް އެގޮތްތަކެއް އެވަނީ. އެހެންވެ މި ތިން ދުވަހު އެ ކުދިން ސްކޫލަކަށް ނުގެންގޮސް ކައުންސެލިންނާއި ގައިޑެންސް ދިނުމުގެ މަސައްކަތް މި ކުރަނީ،" އަހުމަދު ވިދާޅުވި އެވެ.

 

އެ ކުދިންނަށް ކައުންސެލިން ދެނީ އެޑިއުކޭޝަންގެ ޓީމުންނެވެ.

މިއަދު އޮންލައިން