ރާއްޖޭގެ މިހާރުގެ ލީޑަރޝިޕާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވޭ: ސީޝެލްސްގެ މަންދޫބް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ރާއްޖޭގެ މިހާރުގެ ލީޑަރޝިޕާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވޭ: ސީޝެލްސްގެ މަންދޫބް

ރާއްޖޭގެ މިހާރުގެ ލީޑަރޝިޕާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ސީޝެލްސުން ބޭނުންވާކަމަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ސީޝެލްސްގެ ރައީސް، ޑެނީ ފޯރގެ ޚާއްޞަ މަންދޫބު މުޙައްމަދު އަފީފް ވިދާޅުވެއްޖެއެވެ. 

މުޙައްމަދު ޢަފީފް މިމޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއވި އިޙްތިރާމުގެ ޒިޔާރަތުގައި ރާއްޖޭގެ ވެރިކަމަށް މިހާރު އައިސްފައިވާ އެދެވޭ ބަދަލު ފާހަގަކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މުޙައްމަދު ޢަފީފް ވިދާޅުވީ ސީޝެލްސުން ކަނޑުގެ ނަފާ ހޯދުމުގައި އިސްކަންދެނީ ދެމެހެއްޓެނިވި އުސޫލުތަކަށް ކަންކަން ކުރުމުގެ މައްޗަށް ކަމަށެވެ. 

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްޓަރ މުޙައްމަދު އަފީފް ރާއްޖެ ވަޑައިގެންވެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ސީޝެލްސްއާއި ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވައިފައެވެ. 

ސީޝެލްސްގެ ރައީސްގެ ޚާއްޞަ މަންދޫބު، އަފީފުގެ މިދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވިއެވެ. މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ސީޝެލްސްގެ ރައީސަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ސީޝެލްއަކީ ކުޑަ ޖަޒީރާ ދެ ޤައުމުކަމަށްވާތީ ދެޤައުމުގައި ހުރި ބައެއް ކަންކަމަކީ ވަރަށް އެއްގޮތް ކަންތައްތަކެއްކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން އެއް ޤައުމުން އަނެއްޤައުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިޤްތިޞާދީ މަސައްކަތްތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގައި އިންޑިއާ ކަނޑަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައި އިންޑިއާ ކަނޑުގައި ސަލާމަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.  އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ސީޝެލްސްގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

މިއަދު އޮންލައިން