އިންޑިއާގައި އަނިޔާކޮށް މުސްލިމުން މަރަމުން ގެންދިއުމަކީ ކޮންމެ ދުވަހަކުހެން ކުރަމުން އަންނަ ވަރަށް ޢާންމުކަމެކެވެ. އެއިގެ ތެރެއިން މީހުންނަށް އެނގި ހާމަވަމުންދަނީ ވަރަށް މަދު ހާދިސާއެކެވެ. މިގޮތުން އެންމެ ފަހުން މަޝްހޫރުވެގެން ތަބްރީޒް އަންސާރީ މަރައިލި ސަބަެއް ކަމަށް ބުނީ ސައިކަލެއް ވަގަށް ނެގުމެވެ. ނަމަވެސް ބަނދެ އަނިޔާ ކުރަމުން ގެންދިއައިރު އޭނާ ލައްވައި ގަދަކަމުން ކިޔުއްވީ "ރާމް ޝްރީ ރާމް" އެވެ.
މިހާދިސާގައި އެންމެ އަސަރުގަދައީ އިންޑިއާ ފުލުހުންގެ ދައުރެވެ. 12 ގަޑިއިރުވަންދެން ބަނދެ ބަހައްޓައިގެން އަނިޔާކުރިއިރު ކުރެވުނު ކަމެއް ނެތްތަނުގައި އޭނާ އަށް ފަރުވާ ދިނުމުގެ ބަދަލުގައި ފުލުހުންގެ ރިމާންޑްގައި ބަންދުކުރީ އޭނާ ސައިކަލެއް ވަގަށް ނެގިކަމަށް އެމީހުން ބުނާ މައްސަލައިގައެވެ. އެތަނުން ނެރެގެން ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާ ވަނީ ނިޔާވެފައެވެ.
މިކަމާއި ގުޅިގެން އިއްޔެ ވަނީ 3 ސްޓޭޓެއްގައި މުޒާހަރާ ވެސް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ މިހާދިސާއިން ވެސް އެނގިގެންދަނީ މުސްލިމުންނަށް އަނިޔާ ކުރުމުގައި ސަރުކާރާއި ފުލުހުންނާއި އަދި ހައްދުފަހަނައަޅާފައިވާ ހިންދޫން ގުޅިލާމެހިފައިވާ މިންވަރު ކަމަށެވެ. "ޢާންމުކޮށް ފެންނަގޮތަށް ބަނދު ބަހައްޓައިގެން 12 ގަޑިއިރު އަނިޔާކުރިތަން ފުލުހުނަށް ނުފެނުނީމާ، އެވަރަށް އަނިޔާކޮށްފައި ދޫކޮށްލީމާ އެއްވެސް ފަރުވާއެއް ނުދީ ޖަލުގައި ބަންދުކުރީމާ އަދި 4 ދުވަސްފަހުން މަރުވެފައިވާ ހަށިގަނޑު ނެރުނީމާ ބީޖޭޕީގެ ވެރިކަމުގެ ސިޔާސަތު މިދަނީ ފެނަމުން. ބީޖޭޕީގެ ބޭނުމަކީ ބިރުވެރިކަން ޢާންމުކޮށްގެން މުސްލިމުން ނައްތައިލުން. މުޅި އިންޑިއާގައި "ރާމް ޝްރީ ރާމް" ކިޔުއްވުން." ކަމަށްވެސް މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވެއެވެ.