އުރީދޫ ކަލަރ ރަން ސިލްސިލާގެ އިތުރުބޮޅެއް އައްޑޫސިޓީގައި ބާއްވަނީ

ކިޔުމަށް ހޭދަވާނީ 2މ 27ސ
އުރީދޫ ކަލަރ ރަން ސިލްސިލާގެ އިތުރުބޮޅެއް އައްޑޫސިޓީގައި ބާއްވަނީ

އުރީދޫ ކަލަރ ރަން ސިލްސިލާގެ އިތުރުބޮޅެއް އައްޑޫސިޓީގައި ބާއްވަން ނިންމައިފިއެވެ. 

އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫ އިން ބުނީ އައްޑޫސިޓީގައި ބާއްވާ ކަލަރ ރަން ބާއްވާނީ އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. 

ޔޫތް މިނިސްޓްރީގެ އެއްބާރުލުމާއެކު އައްޑޫސިޓީގައި ބާއްވާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މައި-އުރީދޫ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. 

6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ މިދުވުމުގައި ދުވަން ޖެހޭނީ 5 ކިލޯމީޓަރުގެ ރާސްތާއެކެވެ. އަދި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ކުލަޖަހާ އެކަން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރާނެއެވެ. 

މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. 

އުރީދޫ އިން ބުނީ މިދުވުން އިތުރަށް ފޯރިގަދަކުރުމަށް ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާއާއި އެންމެ ސަޅި ކޮސްޓިއުމް ހޮވާ، ޚާއްޞަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މިނިސްޓަރ މަޚްލޫފް ވިދާޅުވީ އުރީދޫ ކަލަރ ރަންގައި ބައިވެރިވުމުގެ ފުރުސަތު އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ކަމަށާއި މިއީ ވަރަށް އުފާވެރި މާހައުލެއްގެ ތެރޭގައި ސިއްޙަތަށް ފައިދާ ކުރަނިވި ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތެއް ކަމަށެވެ. 

"އައްޑޫގައި އުރީދޫ ކަލަރ ރަން ބޭއްވޭ ކަމަކީ ލިބުނު އުފަލެއް. އުއްމީދަކީ އައްޑޫގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުން." މަޚްލޫފް ވިދާޅުވިއެވެ. 

އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ނަޖީބު ޚާން ވިދާޅުވީ ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް އުރީދޫ ކަލަރ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށްއޮތް އުރީދޫ ކަލަރ ރަން އައްޑޫގައި ބޭއްވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. 

"އުރީދޫ ކަލަރ ރަންގެ އެންމެ ޙާއްސަ އެއްކަމީ، ބޭނުން ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވުން. އެއީ، މުޅިން އައު ބައިވެރިއަކަށްވިއަސް ނުވަތަ ތަޖުރިބާކާރު ދުވުންތެރިއަކަށް ވިއަސް، ނޫނީ އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ތަޖުރިބާއެއް ކޮށްލަން ބޭނުންވި ކަމުގައިވިއަސް. ނަލަ ނަލަ އައްޑޫގައި ވަރަށް ޙާއްސަ އިވެންޓަކަށް މިފަހަރުގެ އުރީދޫ ކަލާ ރަން ވެގެންދާނެކަމަށް އުއްމީދު ކުރަން." ނަޖީބް ޚާން ވިދާޅުވިއެވެ. 

އުރީދޫ ކަލަރ ރަން އަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަންއަންގައިދިނުމުގެ މަޤުޞަދުގައި ބާއްވާ ދުވުމެކެވެ. 

އުރީދޫ ކަލަރ ރަން އެއްއަހަރުން އަނެއް އަހަރަށް މަޤުބޫލުވެ، މި ދުވުމުގައި ބައިވެރިވާ މީހުންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. 

މިއަދު އޮންލައިން