ހަދަމުން އަންނަ މިސްކިތަކުން ވެއްޓި އެސްޓީއޯގެ އިސްވެރިއެއް އައިސީޔޫގަ

ކިޔުމަށް ހޭދަވާނީ 1މ 17ސ
ހަދަމުން އަންނަ މިސްކިތަކުން ވެއްޓި އެސްޓީއޯގެ އިސްވެރިއެއް އައިސީޔޫގަ

ވަރަށް އަވަހަށް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ މަސްޖިދުލް މުޙައްމަދު ޖަމީލް މިސްކިތުގެ ދެވަނަ ފަންގިފިލާއިން ވެއްޓި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އިސް ވެރިއެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ. 

އޭނާގެ ގާތް މީހަކު މިއަދުނޫހަށް މައުލޫމާތު ދެމުން ބުނީ އޭނާ ފުރަތަމަ ގެންދެވުނީ އައިޖީއެމްއެޗަށް ކަމަށެވެ. އެހޮސްޕިޓަލުން ބެލި ޑޮކްޓަރުންނަށް މާ ބޮޑު މައްސަލައެއް ފާހަގަ ނުކުރެވުނު ކަމަށާއި ރަނގަޅުވަމުން އަންނަ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އަނގައިން ލޭ ވެސް އަންނަން ފެށުމުން ޢާއިލާއިން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު ސިކުނޑިއަށް ލޭ އެޅުން ފަދަ މައްސަލަތަކެއް ހުރުމުން ރޭ ފަތިހު އޮޕަރޭޝަންވެސް ކޮށްފައިވާ ކަމަށެވެ.  

އެނގިފައިވާ ގޮތުގައި، މިސްކިތުން ވެއްޓި އަނިޔާވެފައިވަނީ އެސްޓީއޯގ އައިޓީ ހެޑް މުސްޠަފާ އަޒްމީ އަޒްމީ (41އ.) އަށެވެ. އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ ބޮލަށާއި ފުއްޕާމެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. 

އައިޓީގެ މަސައްކަތުގެ އިތުރުން، ލަކުޑިން ތަފާތު އެއްޗެހި ފަރުމާ ކުރުމުގެ ހުނަރު ލިބިފައިވާ އަޒްމީ އަކީ 25 އަހަރު ވަންދެން އެސްޓީއޯ ގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.  

އޭނާއަށް ލިބިފައިވާ ގެއްލުމުގެ ސަަބަބުން އެސްޓީއޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް އަންނަނީ އެކަމާއި ހިތާމަ ފާޅުކޮށް، އަޒްމީއަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރަމުންނެވެ.

މިއަދު އޮންލައިން