ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 29

މިއަދު
ކިޔުމަށް ހޭދަވާނީ 12މ 6ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 29

މި ހިސާބުން އުފެދޭ ސުވާލަކީ: ކުޑަކުއްޖަކު މީހަކު މަރައިގެން އެކުއްޖާ މެރޭނެތޯއެވެ؟

ޖަވާބަކީ: ޖަވާބަކީ: ނޫނެކޭ އެވެ. ސަބަބަކީ ކުޑަކދިންނަކީ ބާލިޣްނުވާ މުކައްލަފުންނެއް ނޫނެވެ.

( لَّقَدْ جِئْتَ شَيْئًا نُّكْرًا) "ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު ނުބައިކަމެކެވެ. ބޮޑުވެގެންވާ މުންކަރާތެކެވެ."

 މިއީ ކުރިން ވިދާޅުވި ޢިބާރާތް ( لَقَدْ جِئْتَ شَيْئًا إِمْرًا ) "ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ." އަށް ވުރެ ހަރުކަށި ޢިބާރާތެކެވެ. ސަބަބަކީ އޮޑީގައި ލޯވަޅެއް އަޅާ ހަލާކުކޮށްލި ނަމަވެސް އެއޮޑި ޣަރަގު ވުމާއި ނުވުން އެއީ އެކަށީގެންވާ ކަމެކެވެ. އޮޑި ސަލާމަތްވުމުގެ ފުރުޞަތެއްވެސް އެބައޮތެވެ. އެކަންވީވެސް އެހެންނެވެ. އޮޑި ޣަރަގުވެގެންނެއް ނުދެއެވެ. ނަމަވެސް، ކުށެއް ނުކުރާ ކުޑަކުއްޖަކު މަރާލުން އެއީ އަނބުރާ ނުގެނެވޭވަރުގެ ބޮޑު ނުބަޔެކެވެ.

އެހިނދު ޚިޟްރު ޢަލައިހިއްސަލާމް ވިދާޅުވިއެވެ.

(قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٧٥ )

(أَلَمْ أَقُل لَّكَ  ) "ތިމަންކަލޭގެފާނު ކަލޭގެފާނުގެ ގާތުގައި ވިދާޅުނުވަމު ހެއްޔެވެ؟" މިތަނުގައި މިވަނީ ކުރީ ފަހަރަށްވުރެ ހަރުކަށި ޢިބާރަތެކެވެ. އެއީ ކުށް ތަކްރާރުވުމާއި ގުޅިގެންނެވެ. މާނައަކީ ކުރިންވެސް ވަރަށް ސާފުބަހުން ބުނީމު ނޫން ހެއްޔެވެ. ނަމަވެސް ދެވަނަ ފަހަރަށްވެސް ކުށްތަކްރާރުކުރެއްވީއެވެ. އެހިނދު މޫސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ.

( قَالَ إِن سَأَلْتُكَ عَن شَيْءٍ بَعْدَهَا فَلَا تُصَاحِبْنِي ۖ قَدْ بَلَغْتَ مِن لَّدُنِّي عُذْرًا )" އެކަލޭގެފާނު ވިދާޅުވިއެވެ. މީގެފަހުން އެއްވެސް ކަމަކާމެދު، ކަލޭގެފާނާ ތިމަންކަލޭގެފާނު سؤالކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް عذر އެއް ލިބިވަޑައިގެންފިއެވެ."

( فَلَا تُصَاحِبْنِي  ) "ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ!" މިހެން ވިދާޅުވުމުން ދޭހަވަނީ މޫސާ ޢަލައިހިއްސަލާމް ގަބޫލުކުރައްވާ ގޮތުގައި ޚިޟްރު ޢަލައިހިއްސަލާމް އަކީ އެކަލޭގެފާނަށްވުރެ ދަރަޖަ މަތިވެރި ބޭފުޅެއް ކަމެވެ. ނޫންނަމަ ވިދާޅުވީހީ ( فَلَا أُصَاحِبُكَ )"ތިމަންނާ ކަލޭގެފާނާއި އެކު ނުދާނަމެވެ." މިފަދައިންނެވެ.

(قَدْ بَلَغْتَ مِن لَّدُنِّي عُذْرًا) "ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް عذر އެއް ލިބިވަޑައިގެންފިއެވެ. ކަލޭގެފާނު ކުރިންވެސް އެކަން ހަނދާންކޮށްދެއްވާފައި ވަނިކޮށް އަނެއްކާވެސް މިވަނީ ކުށަށް އަރައިގަނެވިފައެވެ. ވީމާ، އެންމެ ފަހުގެ ފުރުޞަތު ދެއްވާށެވެ.

( فَانطَلَقَا حَتَّىٰ إِذَا أَتَيَا أَهْلَ قَرْيَةٍ اسْتَطْعَمَا أَهْلَهَا فَأَبَوْا أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُ ۖ قَالَ لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرًا ﴿٧٧ )"ދެން އެ ދެބޭކަލުން ކުރިޔަށް ހިންގަވައިވަޑައިގަންނަވަމުން، ރަށެއްގެ أهلވެރިބަޔަކާ ހަމަޔަށް ވަޑައިގެންނެވުނުހިނދު، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުޅައޫއެވެ. ދެން އެރަށުން ވެއްޓެންކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެކަމަށް އުޖޫރައެއް ހިއްޕެވިދާނެއެވެ."

( أَهْلَ قَرْيَةٍ ) މިއީ ކޮން ރަށެއްކަން ހާމަކުރައްވާފައެއް ނުވެއެވެ. ﷲތަޢާލާ ވަންހަނާ ކުރައްވާފައިވާ ކަމަކަށްތީތީވެ، އެއީ ކޮން ރަށެއްތޯ ހޯދަން އުޅުމަކީ އަޅުގަޑުމެން ކުރަން ޖެހޭވެސް ކަމެއް ނޫނެވެ.

( اسْتَطْعَمَا أَهْلَهَا ) އެރަށުގެ އަހްލުވެރިންގެ ގާތުން ކާތަކެއްޗަށް އެދިލެއްވިއެވެ.

(فَأَبَوْا أَن يُضَيِّفُوهُمَا  ) އެދޭބެފުޅުންނަށް މެހްމާންދާރި އަދާކުރުމަށް އެރަށުގެ މީހުން ދެކޮޅު ހެދިއެވެ.

މެހްމާނުންނަށް ކަމޭހިތާ، މެހްމާންދާރީ އަދާ ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އަލްއިމާމް ބުޚާރީ އާއި މުސްލިމް- ރަޙިމަހުމަﷲ- ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. عَنْ أَبِي شُرَيْحٍ الْخُزاعِي رضي الله عنه قَالَ : سَمِعَتْ أُذُنَايَ وَأَبْصَرَتْ عَيْنَايَ حِينَ تَكَلَّمَ النَّبِيُّ صلى الله عليه وسلم فَقَالَ : (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ جَائِزَتَهُ) قَالَ : وَمَا جَائِزَتُهُ يَا رَسُولَ اللَّهِ ؟ قَالَ : ( يَوْمٌ وَلَيْلَةٌ ، وَالضِّيَافَةُ ثَلاَثَةُ أَيَّامٍ ، فَمَا كَانَ وَرَاءَ ذَلِكَ فَهْوَ صَدَقَةٌ عَلَيْهِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ޝުރައިޙުލް ޚުޒާޢީ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާތީ ތިމަންކަލޭގެފާނުގެ ދެކަންފަތުން އަޑުއެހީމެވެ. އަދި ދެލޮލުން ދުށީމެވެ. "ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ މެހްމާނަށް ކަމޭ ހިތާށެވެ. އޭނާގެ ޖާއިޒަތު ދޭހުށިކަމެވެ." ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ޖާއިޒަތަކީ ކޮބައިތޯ އެވެ؟" ޙަދީޘް ކުރެއްވިއެވެ. "ރެއަކާއި ދުވާލެކެވެ." މެހްމާންދާރީގައި ވަނީ ތިންދުވަހެވެ. އެޔަށް ވުރެ އިތުރުވާ ބަޔަކީ ޞަދަގާތެކެވެ."

އިމާމް މުސްލިމް- ރަޙިމަހުﷲ- ރިވާ ކުރެއްވި ރިވާޔަތެއްގައި ވެއެވެ. (الضِّيَافَةُ ثَلَاثَةُ أَيَّامٍ ، وَجَائِزَتُهُ يَوْمٌ وَلَيْلَةٌ) މާނައަކީ: "ޟިޔާފަތަކީ (މެހްމާންދާރީ އަކީ) ތިން ދުވަހެވެ. އޭގެ ތެރެއިން ޖާއިޒަތަކީ ރެއަކާއި ދުވާލެވެ."

އިމާމް ޚައްޠާބީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ޖާއިޒަތަކީ ރެއަކާއި ދުވާލޭ" އޮތް ބަސްފުޅުގެ މުރާދައި ބެހޭ ގޮތުން އިމާމް މާލިކް ރަޙިމަހުﷲ- އާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ. "ހެޔޮކޮށް  ހިތުމާއި، ޚާއްޞަ ގޮތެއް ބެހެއްޓުމާއި، ބޮޑަށް އަޅާލުމަށް ރެއަކާއި ދުވާލެވެ. މުޅި މެހްމާންދާރީގެ މުއްދަތަކީ ތިން ދުވަހެވެ."

އިމާމް ޚައްޠާބީ ރަޙިމަހުﷲ- ވިދާޅުވިއެވެ. "ފުރަތަމަ ދުވަހުގައި ޚާއްޞަ ގާތް ކަމެއް މެހްމާނުންނާއި ދޭތެރޭ ބެހެއްޓުމެވެ. ދެވަނަ އަދި ތިންވަނަ ދުވަހުގައި އެމީހެއްގެ އަތުގައި ހުރި އެއްޗަކުން ކާންދީ ހެދުމެވެ. ޢާދަވެގެން ކައި އުޅޭ އެއްޗަކަށް ވުރެ އިތުރު ނުކުރުމެވެ. ތިން ދުވަހަށް ވުރެ އިތުރު ވެއްޖެނަމަ އެއީ ޞަދަގާތެކެވެ." (މަޢާލިމުއް ސުނަނި 4/238).

އިބްނުލް ގައްޔިމް- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އެމީހެއްގެ ގާތަށް މެހްމާނަކު އަތުވެއްޖެނަމަ މެހްމާނަށް ޓަކައި ވާ ޙައްގުތަކެއްވެއެވެ. އެކަން ވަނީ ތިން ދަރަޖަ އަކަށެވެ. ވާޖިބު މިންވަރަކާއި، މުސްތަޙައްބު މިންވަރަކާއި، ޞަދަގާތުގެ ގޮތުގައި ދެވޭ މިންވަރެކެވެ. ވާޖިބު މިންވަރަކީ ރެއަކާއި ދުވާލެވެ. މިކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. عَنْ أَبِي شُرَيْحٍ الْخُزاعِي رضي الله عنه قَالَ : سَمِعَتْ أُذُنَايَ وَأَبْصَرَتْ عَيْنَايَ حِينَ تَكَلَّمَ النَّبِيُّ صلى الله عليه وسلم فَقَالَ : (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ جَائِزَتَهُ) قَالَ : وَمَا جَائِزَتُهُ يَا رَسُولَ اللَّهِ ؟ قَالَ : ( يَوْمٌ وَلَيْلَةٌ ، وَالضِّيَافَةُ ثَلاَثَةُ أَيَّامٍ ، فَمَا كَانَ وَرَاءَ ذَلِكَ فَهْوَ صَدَقَةٌ عَلَيْهِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ޝުރައިޙުލް ޚުޒާޢީ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާތީ ތިމަންކަލޭގެފާނުގެ ދެކަންފަތުން އަޑުއެހީމެވެ. އަދި ދެލޮލުން ދުށީމެވެ. "ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ މެހްމާނަށް ކަމޭ ހިތާށެވެ. އޭނާގެ ޖާއިޒަތު ދޭހުށިކަމެވެ." ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ޖާއިޒަތަކީ ކޮބައިތޯ އެވެ؟" ޙަދީޘް ކުރެއްވިއެވެ. "ރެއަކާއި ދުވާލެކެވެ." މެހްމާންދާރީގައި ވަނީ ތިންދުވަހެވެ. އެޔަށް ވުރެ އިތުރުވާ ބަޔަކީ ޞަދަގާތެކެވެ."

(ޒާދުލް މަޢާދި 3/658).

 

- ނުނިމޭ - 

މިއަދު އޮންލައިން