ޝައުބީން ދާސްއަކީ މުސްލިމް ފިލިޕިންސްގެ މުސްލިމް އަންހެން ކުއްޖެކެވެ. މައިން ބަފައިން މަރުވުމުން ގެންގުޅެ ބޮޑުކުރީ ކްރިސްތިއަން ބޮޑުބޭބެއެކެވެ. ބޮޑުބޭބެ އޭނާ ތަމްރީނުކޮށް ދަސްކޮށްދިން މަސައްކަތަކީ މަސާޖް ކުރުމެވެ.
ޝައުބީން މަސައްކަތްކުރަނީ 5 ތަރި ހޮޓަލެއްގެ މަސާޖްޕާލަރގައެވެ. ނަމަވެސް ހިތްހަމަޖެހިގެނެއް ނޫނެވެ. ހިލޭ ފިރިހެނުންގެ ގައިގައި އަތްއުނގުޅައި ހެދުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެންމެ ފަހުން އޭނާ ނިންމީ ވަޒީފާ ދޫކޮށް ފިލާށެވެ! އެގޮތަށް ނިންމައި ހަފަތާ ބަންދެއްގައި ދަތުރަކު ދަނީ ކަމަށް ބުނެ ގެއިން ނުކުމެ ޝައުބީން ފެށީ މުޅިން ތަފާތު ދަތުރެކެވެ. އޭނާގެ ދިރިއުޅުން ބަދަލުކޮށްލުމުގެ ދަތުރެކެވެ. އެ ދަތުރު ނިންމައިލީ ދިރިއުޅޭ އަވަށާއި 400 ކިލޯ މީޓަރު ދުރުގައި އޮތް އަވަށަކަށެވެ.
ލިބޭ މުސާރަ ބޮޑުބޭބެއަށް ދޭން ޖެހޭތީ ނުދީ އަތުގައި ބޭއްވިފައި، ނުވަތަ ރައްކާކުރެވިފައި އޮތީ އެންމެ 200 ވަރަކަށް ޑޮލަރުގެ ފައިސާއެވެ. އެހެންކަމުން އޭނާ ޤަޞްދުކުރީ ނިކަމެތިން ހިލޭ ބަލަހައްޓައިދޭ ތަނެއްގައި މަޑުކުރުމަށެވެ. އެ އަވަށުން އެފަދަ ތަނެއް ހޯދަން ނުއެނގޭތީ ދިއައީ މިސްކިތަކަށެވެ. މިސްކިތުން ބައްދަލު މުސްކުޅި އުމުރުގެ އަންހެނަކަށް އޭނާގެ މަޤްޞަދާއި އެދޭ ގޮތް ކިޔައިދިނުމުން އެމީހާގެ ގޭގައި މަޑުކުރުމަށް ދައުވަތުދިނެވެ.
އެގޭގައި އެމީހުންނަސް ޚިދުމަތްކުރަން ހުންނަތާ ހައަކަ މަސްވީތަނާ ސައުދީގައި ވަޒީފާ އަދާކުރާ އެގޭގެ އެންމެ ދޮށީ ދަރިފުޅު ޗުއްޓީއަކަށް އައީ އޭނާގެ ބޮސްގެ ފިރިހެން ދަރިފުޅާއިއެކުގައެވެ. ކުރުކޮށްލަމާ ހިނގާށެވެ. ބޮސްގެ ދަރިފުޅު އެނބުރި ޤައުމަށް ފުރީ ޝައުބީން އާއި ކައިވެނިކޮށް އޭނާ ގޮވައިގެންނެވެ. މިހާރު ޝައުބީންއަކީ އުފަލުގައި ދިރިއުޅެމުންދާ 4 ކުދިންގެ މަންމައެކެވެ.
އަހަރެންނާއި ޝަޢްބީން އާއި ބައްދަލުވީ މީގެ 2 މަހެއްހައި ދުވަސް ކުރިން ޖިއްދަގައި އޯއައިސީގެ ބައްދަލުވުމެއްގެ ތެރެއިން ބޭއްވުނު ހަފްލާއެއްގައެވެ. އޭނާގެ ފިރިމީހާގެ ބައްޕައަކީ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރާ އިމާމެކެވެ. ކެއުމުގައި އޭނާ ބައިވެރިވީ ޢާއިލާ އާއިއެކުގައި ކަމަށްވުމުންނެވެ.
މިފަދަ ވާހަކަތައް ހަމައެކަނި އަޑުއަހަންވީއެއް ނޫނެވެ! އަޑު އިވުނު ކަމަށްވާނީ ޢިބްރަތް ޙާޞިލުކުރުމުންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފާފަ ކުރެވެ މީހަކަށް އެކަން ހުއްޓައިލުމަކީ އެހައި ފަސޭހަކަމަކަށްނުވެދާނެއެވެ. މިސާލަކަށް ޙަލާލް ނޫން ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅެމުންދާ މީހަކަށް އެގޮތަށް ފައިސާ ހޯދުން ހުޓައިލުމަކީ އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. އެމީހެއްގެ ދިރިއުޅުމަށް ޚަރަދުތައް ކުރަން ޖެހޭތީއެވެ. ލޯބިވެރިންގެ ގޮތުގައި ތިބެ ނަހަމަ ގުޅުން ހިންގާ ބައަކަށް އެކަން ކުރުން ހުއްޓައިލުމަކީވެސް ފަސޭހަކަމަކަށް ނުވެދާނެއެވެ. އަދި މިނޫން ގޮތްގޮތުންވެސް ޙަރާމް ކަންކަން ކުރަން އާދަވެފައި ހުންނަ މީހަކަށް އެކަންކަން ކުރުން ހުއްޓައިލުމަކީ އެހައި ފަސޭހަކަމަކަށް ނުވެދާނެއެވެ.
އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެކަންކަން ހުއްޓާލިއަ ނުދިނުމަށް އިބިލީސް މެދުކެނޑުމެއް ނެތި ވަސްވާސްދެމުން ގެންދިއުމެވެ. ޙަރާމް ގޮތުގައި ފައިސާ ހޯދުން ހުއްޓާލައިފިނަމަ ބަނގުރޫޓުވެ ނިކަމެތިވާނެ ކަމުގެ ވަސްވާސް ދޭނެއެވެ. ދެލޯބިވެރިން ﷲ ތަޢާލާ އަނގަވާފައި ގޮތަށް އުޅޭނަމަ، އަމަލުތަކުން ދުރުހެލިވެ ތިބޭނަމަ އެކަކު އަނެކަކަށް އޮންނަ ގުޅުން ކުޑަވެ އެކަމުގެ ސަބަބުން ފޫހިކަން އިތުރުވެ، ދެމީހުން ވަކިވެދާނެ ކަމުގެ ބިރުވެރިކަން ހިތަށް ވައްދުވާނެއެވެ. މިފަދަ ހުރިހާ ވަސްވާސްތަކެއް ދިނުމުގެ އިތުރުން އެންމެ ބޮޑަށް ދޭނެ އެއް ވަސްވާސަކީ އުމުރުގައި އަދި ދުވަސްތައް އެބަ އޮތްކަމާއި ފަހުން ހަމަޖެހިލައިގެން ތައުބާ ވެވިދާނެ ކަމުގެ ވަސްވާހެވެ.
ޙަޤީޤަތަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު ޖެހެނީ އެންމެ ފަހުން މިބުނި ވަސްވާހުގައެވެ. އުމުރުގަ އަދި ވަރަށް ގިނަ ދުވަސްތައް ބާކީ އެބައޮތް ކަމާއި ފަހުން ތައުބާވެވިދާނެ ކަމުގެ ވަސްވާހުގައެވެ. އަދި އެންމެ ނުރައްކައުތެރިކަން ބޮޑު، އެންމެ ގެއްލުންހުރި ވަސްވާހަކީވެސް ހަމަ އެއީއެވެ.
މީސްތަކުންނޭވެ! ފާފަ އެއް ކުރެވޭނަމަ، އެކަމަކުން ތިމާއަށް ކިތަންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، އަދި ކިތަންމެ ބޮޑު މަންފާއެއް ލިބުނު ނަމަވެސް އެކަންކަމަށް ނުބަލައި އަވަހަށް އެކަމަކުން ދުރުވެގަންނާށެވެ. ފާފައެއް ކުރުން ހުއްޓާލަން ޢަޒުމް ކަނޑައަޅައި މަސައްކަތް ފަށައިފިނަމަ އެމީހަކަށް ﷲ ތަޢާލާ މަގުދައްކަވާނެއެވެ. ހިތްވަރުވެސް ދެއްވަވާނެއެވެ. އެކަމުގައި އެމީހަކު އިތުރަށް ސާބިތުވީ ވަރަކަށް ﷲ ތަޢާލާގެ އެހީތެރިވަންތަކަމާއި މަދަދު ދާނީ އިތުރުވަމުންނެވެ. އޮހެމުންނެވެ! ތިމާއަށް ނުވެސް ވިސްނޭހައި ގޮތްގޮތުން ދާނީ ކުރިއެރުމާއި ކާމިޔާބީ ލިބެމުންނެވެ.
މުޖުތަމައުއަށްޓަކައި ނުވަތަ މައިންބަފައިންނަށްޓަކައި އިޞްލާޙްވުމަކީ ހަމަ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އިޞްލާޙް ވެވޭނެ ހަމައެކަނި ގޮތަކީ ﷲ ތަޢާލާޢަށް ބިރުވެތިވެ، ތިމާއަށްޓަކައި އިޞްލާޙްވާން މަސައްކަތް ކުރުމެވެ. ފާފަވެރިވެ ނަރަކައަށް ދާން ޖެހޭނީ ތިމާއަށް ކަމަށް ޤަބޫލުކޮށް އަމިއްލަ ނަފުސަށްޓަކައި އިޞްލާޙްވާން މަސައްކަތް ކުރުމެވެ.
ޔަޤީން ކުރަންޖެހޭނެ ކަމަކީ އިސްލާމް ދީނުގައި އެއްވެސް މީހަކަށް އެއްވެސް ދަތިކަމެއް ނޮއޮންނާނެ ކަމަށް ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ ވަޙީގެ ބަސްފުޅެވެ. އެއްވެސް މީހަކަށް ނުއުފުލޭވަރުގެ ތަކްލީފެއް އެމީހަކަށް ނުޖައްސަވާނެ ކަމަށް އޮތް ޢާޔަތަށެވެ. ބަޤަރާ ސޫރަތުގެ ފަހު ޢާޔަތުން މިކަން އެނގިގެންދާނެއެވެ. ވީމާ މިވެނި ފާފައެއް ކުރުނަ ހުއްޓައި ނުލެވިގެން މިއުޅެނީ މިވެނި ސަބަބަކާއި ހުރެ ކަމަށް ބުނެ ދެއްކެން ދެއްކެން އޮންނާނީ ކޮން ޢުޛުރެއް ހެއްޔެވެ؟ ދެއްކޭނެ އެއްވެސް ޢުޛުރެއް ނުއޮނަނާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން