އަންހެނުންނަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތައް ސަރުކާރުން އަބަދުވެސް ވަރަށް ގާތުން ބައްލަވައި، ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަންހެނުންގެ ކުރިއެރުމާއި، އަންހެނުން ބާރުވެރި ބައަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވީ އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކޮމިޓީގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ދިމާވަމުންދާ ދަތިތަކާއި، އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށްޓަކައި ކޮމިޓީން ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފައެވެ.
މިގޮތުން، މިހާރުވެސް ކޮމިޓީގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދަވާ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާއި، އަންހެނުންނަކީ ހުރިހާ ގޮތަކުންވެސް ބާރުވެރި، ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކޮމިޓީން ހިންގަވަން ރާއްވަވާފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. އަދި އެކި ގޮތްގޮތުން ކޮމިޓީއަށާއި އައްޑޫސިޓީގެ އަންހެނުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާމެދު މެންބަރުންގެ ހުރި ކަންބޮޑުވުންތަކާބެހޭ ތަފުސީލީ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.