ހޮސްޕިޓަލަކުން ދިން ބޭހަކުން ތިން އަހަރުގެ ކުޑަކުއްޖަކު އިވުމުން މަހުރޫމުވި މައްސަލައިގެ ހުކުމް އިއްވުން ސުޕްރީމް ކޯޓުން މިއަދު ފަސްކޮށްފިއެވެ.
މިހާދިސާ ހިނގާފައިވަނީ މީގެ 11 އަހަރު ކުރިން، 2007 ވަނަ އަހަރު ގދ. ތިނަދޫ ހޮސްޕިޓަލްގައެވެ. އެ ކުއްޖާ ތިނަދޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮއްވާ ދިން އެންޓި ބައޮޓިކް ބޭހެއްގެ ސަބަބުން ދެ ކަންފަތުގެ އިވުން ދާއިމީކޮށް ވަނީ ގެއްލިފަ އެވެ.
ކުރީގެ މަދަނީ ކޯޓާއި ހައި ކޯޓުން ވެސް ކުރިން ހުކުމް ކޮށްފައި އޮތީ އެކަމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުނުވާ ކަމަށެވެ.
މިމައްސަލާގައި ޑޮކްޓަރުން އިހުމާލުވި ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 7.1 މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ އެ ކުއްޖާގެ ބައްޕަ އަހުމަދު އިހުސާން އެވެ.