ޤާސިމް އިބްރާހީމް ގެންދަވަނީ އެމަނިކުފާނާ ވާދަކުރާ ކެންޑިޑޭޓަށް މަގުފަހިކޮށްދެއްވައި އެހީތެރިވެދެއްވަމުން: ޢަލީ ވަޙީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޤާސިމް އިބްރާހީމް ގެންދަވަނީ އެމަނިކުފާނާ ވާދަކުރާ ކެންޑިޑޭޓަށް މަގުފަހިކޮށްދެއްވައި އެހީތެރިވެދެއްވަމުން: ޢަލީ ވަޙީދު

މާމިގިލި ދާއިރާގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ޗުއްޓީ ދެއްވައި، ވިލާ އެއާގައި ހިލޭ ދަތުރު ކުރެވޭނެ ގޮތް ހައްދަވައިގެންވެސް ކެންޑިޑޭޓުގެ ހުރިހާ ކަމެއް ބަލަހައްޓަވަނީ ހަމަ އެދާއިރާއަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. 

މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ޢަލީ ވަޙީދު ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ އެމަނިކުފާނާއި ޚިޔާލު ތަފާތު، އެކި ފަހަރުމަތިން ދުރަށް ދިއަ މީހުންނާއި ކައިރީގައި ތިބޭ މީހުންނާއިއެކު މަސައްކަތް ކުރެއްވުމުގެ ލަޔާޤަތު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. "މިދިއަ ރިޔާސީ އިންތިކާބުގައި އެމަނިކުފާނާއި ދެކޮޅަށް އެމަނިކުފާނުގެ މުވައްޒިފުން މަސައްކަތް ކުރެއްވުމުން އެކަމުގެ ޝަކުވާތައް ލިބިވަޑައިގަންނަވަމުން ދިއައިރުވެސް ދުވަހަކުވެސް އެއިން މީހަކު ވަޒީފާއިން ވަކިކުރުމަށް ނޫނީ އަނިޔާވެރިވުމަކަށް ވިދާޅުވެފައެއް ނެތް. ކޯލްތައް އަންނަމުންދާއިރު އަރިހުގައި އިނިން. އެހެންވީމާ ދެއްކެވި ވާހަކަފުޅު އެނގޭ. އެއީ އެމަނިކުފާނުގެ ހިތްޕުޅުގައިވާ ޖާގައިގެ ބޮޑުކަމުން." 

ޢަލީ ވަޙީދު ވިދާޅުވީ ކޮންމެ މީހަކީ ވެސް ނިމިގެންދާނެ މީހެއް ކަމަށާއި ބަލަންޖެހޭނީ އެމީހަކު ނިމިގެންދާއިރު އެމީހެއްގެ ކިބައިން ޤައުމަށް ކުރި ފައިދާއަށް ކަމަށެވެ. އަދި އެމީހަކު ފަދައިން ޤައުމަށް ޚިދުމަތްކޮށްދޭނެ ދަރިން ތަރުބިއްޔަތުކޮށްފައިވާނަމަ އެކަމުގެ ފައިދާ ޤައުމަށް ކުރާނެ ކަމަށެވެ. "އެގޮތުން ބަލާއިރު އަޅުގަނޑާ އެންމެ ގިނައިން ބައްދަލުވި ޤާސިމް އިބްރާހީމްގެ ދަރިކަލަކީ މުޙައްމަދު. މުޙައްމަދަކީ އަޚްލާޤީ ގޮތުން ރޯލް މެޑެލްއެއް. ދެން އިބްރާހީމް. އިބްރާހީމް ވަނީ ޖަލުގައި ބައްޕަގެ ހުރި ސާބިތުކަން ދައްކަވާފަ." 

ޢަލީ ވަހީދު ވިދާޅުވީ މީހެއްގެ ކިބައިން ދެން ފެނިގެންދާނީ އެމީހަކު ކުރި މަސައްކަތް ކަމަށެވެ. އެގޮތުން ބަލައިފިނަމަ ޤާސިމް އިބްރާހީމް އަކީ މާމިގިލިއަށް ނިޞްބަތްވާ، ވަރަށް އާދައިގެ ޢާއިލާއަކުން ވަޑައިގެން، އެއްވެސް އިތުރު ފަރާތެއްގެ އެހީތެރިކަމެއް ނެތި އަމިއްލަ މަސައްކަތްޕުޅުން ކުރިއަށް ވަޑައިގެން މުޅި ޤައުމަށް ނަމޫނާ ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ. 

ޢަލީ ވަޙީދު ވިދާޅުވީ މިފަދަ އެތައް ބައިވަރު ސަބަބުތަކެއް ހުރުމުން ޖޭޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އަކީ ރާއްޖޭގެ ޒުވާނުން ފިލާވަޅު ލިބިގަންނަން ޖެހޭ ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށާއި އެމަނިކުފާނަށް ވޯޓުދޭންވީ މި ސަބަބަށްޓަކައި ކަމަށެވެ. މަޖިލީހަށް އެކަކު ވައްދާނަމަވެސް ހޮވަން ޖެހޭ މެންބަރަކީ ޤާސިމް އިބްރާހީމް ކަމަށެވެ. "ކޮންމެ ފަދަހާލަތެއްގައި ވެސް ދިވެހިންގެ ޤައުމިއްޔަތާއި ރައްޔިތުންގެ ޙައްޤުތަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާނެ މެންބަރަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ކަމަށެވެ. އަދި އެމަނިކުފާނު ގިނިކަންޏާ އިންތިކާބުކުރި ނަމަވެސް ރައްޔިތުންގެ ކަންކަން ކަސްތޮޅުއެޅިފައި އޮންނަ ޙާލަތަކަށް ދިއަ ނުދެއްވާނެ ކަމަށެވެ. 

ޢަލީ ވަޙީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ މިސަރުކާރަށް އެއްބާރުލުން ދެއްވާނެ ކެންޑިޑޭޓުންގެ ގޮތުގައި މަޖިލީހުގައި ތިއްބަވާނެ ކަމަށާއި އެކަމަށް ފުރުޞަތު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. " ކޮންމެ އިންތިޚާބެއްގަ ވެސް މާމިގިލި އަރިވާކޮޅަކަށް ރާއްޖެ އަރިވާނެ."

 

މިއަދު އޮންލައިން