ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއްޖެ ނަމަ މިހާރު އެދާއިރާގައި ނެތް ގިނަ ޚިދުމަތްތަކެއް ދާއިރާއަށް ގެންގޮސް ދެއްވާނެ ކަމަށާއި މިހާރުވެސް ގެންދަވަނީ އެކަމަށް މަސައްކަތް ކުރައްވަމުން ކަމަށް އެދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވަން މިރޭ ދަރުބާރުގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ޢަބްދުﷲ ރިޔާޟް ވިދާޅުވީ ކިނބިދޫ ދާއިރާގެ މެންބަރުކަމުގައި ހުންނަވައިގެންވެސް ވާނީ ދާއިރާގެ ތަރައްޤީއަށްޓަކައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރައްވާފައި ކަމަށާއި އެމަނިކުފާނުގެ ޚިދުމަތާއި ގުޅޭ ގޮތުން ދާއިރާގެ އެއްވެސް ރައްޔިތަކު އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށެވެ.
ޢަބްދުﷲ ރިޔާޟް ވިދާޅުވީ މަޖިލީހުގައި މަސައްކަތްކުރައްވާނީ ސަރުކާރުގެ މެންބަރެއްގެ ގޮތުގައި ކަމަށާއި ސަރުކާރަށް ދެއްވަން ޖެހިވަޑައިގަންނަވާ ހުރިހާ އެއްބާރުލުމެއްވެސް ދެއްވާނެ ކަމަށެވެ. ހަމައެއާއިއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށެވެ.
ރިޔާޟް ވިދާޅުވީ ރައްޔިތުން އެމަނިކުފާނު އިންތިޚާބު ކުރަންދެންވެސް މަޑުނުކުރައްވާނެ ކަމަށާއި މިހާރުވެސް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރުގެ އިދާރާތަކަށް، ދާއިރާއަށް ބޭނުންވެފައިވާ މައްސަލަތައް ހުށަހަޅުއްވަމުން ކަމަށެވެ. އަދި އެކަންކަމުގައި އެފަރާތްތަކުގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިހާރުވެސް ވަނީ ލިބިވަޑައިގެންފައި ކަމަށެވެ.
ރިޔާޟް ވަނީ ދާއިރާގައި މިހާރު އިހްމާލުވެވިފައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވައިފައެވެ. އަދި އެހާލަތު ބަދަލުކުރައްވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވައިފައެވެ. "ދާއިރާގެ ތަރައްޤީއަށް އަޅުގަނޑު މަސައްކަތް ކުރާނީ ހަމައެކަނި ސަރުކާރުގެ ތެރެއަކުން ނޫން! އަޅުގަނޑުގެ 10 އަހަރުވީ ޖަމިއްޔާގެ ތެރެއިން ވެސް މަސައްކަތް ކުރާނަން. އެ ޖަމިއްޔާގެ ތެރެއިން މިހާރުވެސް ބައެއް ރަށްރަށުގައި ދަނީ މަޝްރޫޢްތައް ހިންގަމުން!" ކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.