ބަހުލޫލް އާދައިގެމަތިން ބާޒާރުމަތީގައި އުޅެނިކޮށް މަގެއްގެ އެއްކައިރީގައި ވަރަށްދެރަވެ އަދި ކަމަކާއި ބިރުގަނެގެން ރޯފަދައަކުން ރޯން ހުރި ޒުވާން ފުރައިގެ ކުޑަކުއްޖަކު ފެނިގެން އޭނާއަށް ބުންޏެވެ. "ތިއަ ރޮނީ ކީއްވެގެންހެއްޔެވެ؟ ކުޅޭނެ އެއްޗެއް ބޭނުންވެގެން ހެއްޔެވެ؟ މީރު ކާ އެއްޗެއް ބޭނުންވެގެން ހެއްޔެވެ؟ ރީތި ހެދުމެއް ބޭނުންވެގެން ހެއްޔެވެ؟ ބޭނުން އެއްޗެއް ބުނާށެވެ. އަހަރެން ގަނެދޭނަމެވެ."
ޖަވާބުގައި ކުއްޖާ ބުންޏެވެ. "އަހަރެން މިރޮނީ އެއްވެސް މީހެއްގެ ކިބައިން އެއްވެސް އެއްޗެއް ބޭނުން ވެގެނެއް ނޫނެވެ. އެއްވެސް އެއްޗެއް ނުލިބިގެނެއް ވެސް ނޫނެވެ! އަހަރެން މިރޮނީ ނަރަކައަށް ދާންޖެހިދާނެތީ ބިރުންނެވެ."
ބަޙްލޫލް ބުންޏެވެ. "ތިއައީ ނަރަކަ ދެކެ ތިވަރަށް ބިރުގަންނަންވީ އުމުރެއް ނޫނެވެ! ތިއައީ މަގުމަތީގައި އެހެން ކުދިންނާއިއެކު ކުޅިވަރު ކުޅެ އުފާކުރަން އުޅެންވީ އުމުރެވެ. ނަރަކައިގެ ވާހަކަ ކޮއްކޮއަށް ކިޔައިދީ ބިރުގެންނެވީ ކާކު ހެއްޔެވެ؟"
ޖަވާބުގައި ކުއްޖާ ބުންޏެވެ. "މަންމަ ކައްކަން ދަރު އަންދާ ގޮތް ވަރަށް ޝައުޤްވެރިކަމާއިއެކު ބަލަމެވެ. އެކަން އިބްރަތަކަށް ފުދެއެވެ. މަންމަ ފުރަތަމަ ރޯކުރަނީ ކުދިކުދި ދަރުތަކެވެ. ބޮޑެތި ދަރުތައް އުނދުނަށް ކޮށްޕަނީ ކުދި ދަރުތަކުގައި ރަނގަޅަށް އަލިފާން ރޯވެ އަލިފާން ހިފުމުންނެވެ. މިކަން އިބްރަތަކަށް ނުފުދެންވީ ކީއްވެގެން ހެއްޔެވެ؟ ޤިޔާމަތް ދުވަހު ނަރަކައަށް ފުރަތަމަ ވައްދަވާނީ އަހަރެމެން ފަދަ ޒުވާން ކުޑަކުދިން ކަމަށްވެދާނެތީ ބިރުން ރޮވެނީއެވެ."
ނިކަން ބުނެބަލާށެވެ! މިކުއްޖާއަށް މިވިސްނުން ލިބުނީ ކިހިނަކުންހެއްޔެވެ؟ މިވަރުގެ ވަރުގަދަ އީމާންތެރިކަމެއް މިކުއްޖާއަށް ލިބުނީ ކީއްވެގެންހެއްޔެވެ؟ ޖަވާބަކީ މިއޮތީއެވެ! އެކުއްޖާއަށް އެވަރުގެ އީމާންތެރިކަމެއް ލިބުނީ އެކުއްޖާގެ ވަށައިގެންވާ މާޙައުލުންނެވެ. އަމިއްލަ ގޭތެރެއިންނެވެ. މައިން ބަފައިންގެ ތަޤްވާވެރިކަމުންނެވެ. އެންމެ ކުޑައިރުންސުރެ ނަރަކަ އާއި ސުވަރުގެ ވާކަން ކިޔައިދީ ނަރަކައަށް ބިރުވެތިކުރުވުމުންނެވެ. ސުވަރުގެއަށް ލޯބި ޖެއްސުމުންނެވެ.
ނިކަން ބުނެބަލާށެވެ! އަހަރެމެންގެ ދަރިން މިބޮޑު ކުރެވެނީ މިފަދަ މާހައުލެއްގައި ހެއްޔެވެ؟ މައިންބަފައިން ދަރިންނަށް ދައްކައިދެނީ މިފަދަ ތަޤްވާވެރިކަން ހެއްޔެވެ؟ ޢާޚިރަތް ދުވަހުގެ ވާހަކަ ކިޔައިދީ އެދުވަހުގެ ކަންކަން އެއްވެސް ވަރަކަށް އޮޅުންފިލުވައި ދެވޭ ހެއްޔެވެ؟
މައިން ބަފައިންނާއި ބެލެނިވެރިން ހޭލުންތެރިވާށެވެ! ތިއަ އެންމެން ވެސް ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރާށެވެ! އަދި ދަރިންނާއި ތިއަބައިމީހުންގެ ބެލެނިވެރިކަމުގައިވާ އެންމެންވެސް ނަރަކައިން ސަލާމަތްކުރަން ގަދައަޅައި މަސައްކަތް ކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން