މި ސަރުކާރުން ޤާއިމުކޮށްފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، މި މަހުގެ ތެރޭގައި ބޭންކަކަށް ބަދަލުވެ، ލޯނު ދޫކުރަން ފެށުމުން، އަންހެނުންގެ ބައިވެރިވުމާއެކު އިޤްތިޞާދު ކުރިއަރައިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އަންހެނުންނަށް ހަމަހަމަ ފުރުޞަތާއި، މަތީ މަޤާމުތައް ހޯދައިދިނުމުގެ ވާހަކަ، ލައްކަ ދުވަހު އަޅުގަނޑުމެންނަށް ދެއްކިއްޖެ ކަމަށެވެ. އަދި ގެވެށި އަނިޔާ ހުއްޓުވައި، ތަފާތުކުރުން ނައްތައިލާނެ ވާހަކަވެސް ވަރަށް ގިނައިން ދެކެވިއްޖެ ކަމަށާއި މި ސަރުކާރުން ބޭނުންވަނީ، ބަސް މަދުކޮށް، ޢަމަލީ ގޮތުން އެކަންކަން ޙާޞިލު ކުރަން ކަމަށެވެ. އެހެންކަމުން އެ އަމާޒު ޙާޞިލުކުރުމަށް، އެސް.އެމް.އީ ލޯނުގެ 20 އިންސައްތަ ޚާއްޞަކުރައްވާނީ އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަކީ، އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ކައުންސިލްގެ ގޮނޑީގެ ވަކި އިންސައްތައެއް، ހަމައެކަނި އަންހެނުންނަށް ޚާއްސަކުރުމަށް، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލް، ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު މިހާރު ވާނީ ނިންމާފައި.
މިއީ ސިޔާސީ ގޮތުން ކަންކަން ނިންމުމުގައި، އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށްވާނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިހާރު ޤައުމު އޮތް ޙާލަތުން އެއަށްވުރެ މަތީ މަރުޙަލާއަކަށް ގެންދެވޭނީ، އަންހެނުން ބާރުވެރިކޮށްގެން.
އިންސާނީ ނަސްލު ފުރިހަމަވެގެންދަނީ އަންހެނުންނާއެކު. އިންސާނީ ވަންހަ އެ މައްޗަށް ބިނާވެފައިވާ ތަރަހައަކީވެސް އަންހެނުން. އެހެންވީމާ، އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމަޢު ބާރުވެރިވެގެންދާނެ ކަމެއް. އެއީ ފިރިހެނުންވެސް ބާރުވެރިވުން.
މިފަދަ މުހިންމު ބަޔަކު ބާކީކޮށް، ހަވާސާކޮށްލައިގެން ހޯދޭނެ ކުރިއެރުމެއް ނޯންނާނެ. އަންހެނުންނާމެދު ކަމޭހިތައި، އޯގާތެރިކަން އިސްކޮށް، އަންހެނުން ބާރުވެރިކުރުވައި، މުޖްތަމަޢުގައި ޙައްޤު މަޤާމަށް އަންހެނުން ގެންގޮސްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް.