"މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެއަށް ގެނައިމާ، މަސް، ލާރިއަށް ހަދައިދޭ" ދިވެހި އަންހެނުންނަކީ ފަޚުރުވެރި ބައެއް: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 13ސ
"މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެއަށް ގެނައިމާ، މަސް، ލާރިއަށް ހަދައިދޭ" ދިވެހި އަންހެނުންނަކީ ފަޚުރުވެރި ބައެއް: ރައީސް

"މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެއަށް ގެނައިމާ، މަސް، ލާރިއަށް ހަދައިދޭ" ދިވެހި އަންހެނުންނަކީ ރާއްޖޭގެ އިޤްޠިޞާދު ކުރި އެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ފަޚުރުވެރި ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ މި ރާއްޖޭގެ ފަޚުރުވެރި މާޒީގެ ވާހަކަ އަޅުގަނޑުމެން އެބަ ދައްކަން ކަމަށާއި މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކީ ރާއްޖެ ކަމަށްވެސް އެބަ ބުނަން ކަމަށެވެ. ޖީ.ޑީ.ޕީ.ގެ ނިސްބަތުން ބަލާއިރު، ދެކުނު އޭޝިޔާގެ އެންމެ މުއްސަނދި ޤައުމަކީ ރާއްޖެ ކަމަށް ވެސް އެބަ ބުނަން ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި ޤައުމު، ޤައުމަކަށް ހަދައިދިން މީހުންގެ މަތިން ހަނދާންހުރީ، ކިތައް މީހުންތޯ؟ ސުވާލު ކުރައްވައިފައެވެ. 

"އަޅުގަނޑު މި ދަންނަވަނީ "މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެޔަށް ގެނައިމާ، މަސް، ލާރިއަށް ހަދައިދޭ" ދިވެހި އަންހެނުންގެ ވާހަކަ. އަޅުގަނޑުމެން ދައްކަން މިއުޅެނީ، "އަލި އުދަރެހުން ވިލޭއިރު، ބޮލި ހިލުމުގައި މަތީ ފަރު، ހެލިފެލިވަމުން އެދާ، ނަލަ ދިވެހި އަންހެނުންގެ ވާހަކަ."  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަޅުގަނޑުމެންގެ ރާއްޖެ ދުށް ފިސާރި ކަނބަލުންނަކީ އެއީ ކަމަށެވެ. "ރާއްޖޭގެ ކޮންމެ ދިމާއަކުން މިއަދު އިވެނީ، އެފަދަ ކަނބަލުންތަކަކަށް އެދި މި ޤައުމު ގޮވާ އަޑު. އެ ގޮވައިލުމަށް އިޖާބަދީ، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ޞިނާޢަތް ހިންގައި ބެލެހެއްޓުމުގައި، އަންހެނުންގެ ދައުރު ފުޅާކުރަން އެބަޖެހޭ. ޤައުމުގެ ތަރައްޤީއަށް އިތުރު ދިރުމެއް ލިބޭނީ އޭރުން"

ބައެއް ރަށް ރަށުގެ އަންހެނުންނަކީ މިއަދު ފިރިހެނުން ފަދައިން ކަނޑަށް ނުކުމެ މަސްވެރިކަން ކުރާ ބައެއްކަމާއި ތަފާތު ގިނަ ދާއިރާތަކުގައި އަންހެނުން އަންނަނީ މަސައްކަތް ކުރަމުންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފާހަގަ ކުރައްވައިފައެވެ. "ތިއީ އަންހެނުން ކުރާ ޒާތުގެ މަސައްކަތެއް ނޫނޭ" ބުނާ އަޑު، މިއަދުގެ ދިވެހި އަންހެނުން އަހާކަށް ބޭނުމެއްނުވޭ.  ބައެއް ރަށްރަށުގެ އަންހެނުން، މަސްކަނޑުތަކަށް ނުކުމެ، އެކަން ސާބިތުކޮށްދީފި. ފުނަށް ފީނުމުގެ ޞިނާޢަތުގައި، މަދު ނޫން ޢަދަދެއްގެ ދިވެހި އަންހެނުން އެބަތިބި. އިންޖިނޭރުންނާއި، ޕައިލެޓުންގެ ގޮތުގައިވެސް ދިވެހި އަންހެނުން އަންނަނީ ޙަރަކާތްތެރިވަމުން." 

"ސިޔާސީ އެންމެ މަތީ މަޤާމުތަކުގައިވެސް އަންހެނުން އަންނަނީ، ޤައުމުގެ ކަންކަން ކުރިއެރުވުމުގައި، ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން. މިނިސްޓަރުންނާއި، ސިޔާސީ އެކި މަޤާމުތަކުގައިވެސް ވަރަށް ޤާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވި. ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުންގެ ކުޅަދާނަކަމާއި ކެރުމާމެދު އިތުރު އެއްޗެއް ދެންނެވުމުގެ މާނައެއް ނެތް.

އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް. އެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި، ޢާއިލާއާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން." 

"ސިޔާސީ މަސްރަޙަށް ބަލާއިރު، އިންތިޚާބު ކުރެވޭ ސިޔާސީ މަޤާމުތަކުގައި މިހާރުވެސް ގިނައީ ފިރިހެނުން. ނަމަވެސް އެ އިންތިޚާބުތަކުގެ ކެމްޕެއިން މެޝިން ހިންގައިދޭ ގިނަ މީހުންނަކީ އަންހެނުން. ހުރަސްތައް ކުރިމަތިވަނީ، އަންހެން މީހާ ސިޔާސީ މަޤާމަކަށް ނުކުންނަން ބޭނުންވާ ހިސާބުން." ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން