ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިހާރުވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކ. މާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެންމެފަހުގެ ބޯހިމެނުމަށް ބަލާއިރު، ރާއްޖޭގައި ތިބި މަސައްކަތް ލިބިފައިވާ ދިވެހީންގެ 63 އިންސައްތައަކީ ފިރިހެނުން ކަމަށާއި އަންހެނުންގެ ނިސްބަތަކީ އެންމެ 37 އިންސައްތަ ކަމަށެވެ. މި ނިސްބަތް އެހައި ދަށްއިރު، ވަޒީފާއެއް އަދާކުރަން ފެށުމަށްފަހު، ވަކި ހިސާބަކުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ ނިސްބަތްވެސް އެހާ މަތި ކަމަށެވެ.
އަދި މި ޙާލަތު އަންހެނުންނަށް މެދުވެރިވަނީ، ޒަވާޖީ ޙަޔާތެއް ފެށުމުން، އެހެން ނޫނީ، ދަރިއަކު ލިބޭ ހިސާބުން ކަމަށާއި އެހެންކަމުން ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިހާރުވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
މިއީ އަޅުގަނޑުމެންނާ ބައްދަލުކުރި ވަރަށް އުފާވެރި ދުވަހެއް. އިންސާނީ މުޖްތަމަޢު އެބަޔަކާ ނުލައި ފުރިހަމަނުވާ، އަންހެނުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހަކީ، މާރިޗު މަހުގެ 8 ވަނަ ދުވަސް. މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އަންހެނުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން.
މީގެ ކުޑައިރުކޮޅެއް ކުރިން، މި އަހަރުގެ ރެހެންދި އެވޯޑް ޙާޞިލު ކުރެއްވި، ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ހަމައެފަދައިން، އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަން.
ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ ޙަރަކާތްތައް ފެށިފައިވަނީ، ނިމިދިޔަ ޤަރުނުގެ އެންމެ ކުރީކޮޅުގެ އަހަރުތަކުގައި. އެ ޙަރަކާތްތައް އެކި ޤައުމުތަކަށް ފެތުރެމުން އައިސް، އދ. މަޖިލީހުން އެ ދުވަސް ފާހަގަކުރަން ފެށީ، 1975 ވަނަ އަހަރު.
މި ދެންނެވި ތާރީޚުތަކަށް ބަލާއިރު، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމަށް، އަޑު އުފުލަމުން އަންނަތާ ޤަރުނަކަށްވުރެ ގިނަ ދުވަސްވެއްޖެ. އެހެންނަމަވެސް، އޭގެ ޙަޤީޤީ ނަތީޖާ ޙާޞިލުވާން އަދި ކައިރިވެސްނުވޭ.
މިދިޔަ ދިހަ އަހަރުގެ ދިރާސާތަކަށްފަހު، ވާރލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފިރިހެނުންނާއި އަންހެނުންނަށް ހަމަހަމަ ޙައްޤުތަކެއް ލިބިދީފައިވަނީ، ދުނިޔޭގެ އެންމެ ހަ ޤައުމުގައި. ޤާނޫނީ އަދި އިޤްތިޞާދީ ގޮތުން ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތް ކުރެވެނީވެސް އެހާމެ މަޑު ދުވެއްޔެއްގައި.
އަޅުގަނޑުމެން ޤަބޫލުކުރަން، އަންހެނުން ބާރުވެރިކުރުވައި، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ، ހަމައެކަނި ޤާނޫނު އިޞްލާޙުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމަށް. ޤާނޫނުތަކުން އެކަމަށް މަގުފަހިކުރުމަކީ ކުރަންޖެހޭ ކަމެއް. ހަމައެއާއެކު، އެކަން ކުރުމުގެ ދެމެހެއްޓެނިވި ސިޔާސަތެއް އޮންނަން އެބަޖެހޭ. އަދި އެކަން ކުރުމުގެ ވަރުގަދަ ޢަޒުމެއްވެސް، އަޅުގަނޑުމެންގެ ކިބައިގައި އޮންނަންޖެހޭ.
ރާއްޖޭގެ ސިވިލް ސަރވިސް އަށް ބަލާއިރު، ތިންބައިކުޅަ ދެބަޔާ ގާތްކުރާ ޢަދަދަކަށް ތިބީ އަންހެނުން. އެއީ 61 އިންސައްތަ. ފިރިހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ. އެކަމަކު ސިވިލް ސަރވިސްގެ އެންމެ މަތީ ފަންތީގައި، ޙަޤީޤަތް އޮތީ މިއާ ދިމާ އިދިކޮޅަށް. ސިވިލް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގެ 61 އިންސައްތަ ވަޒީފާގައި ތިބީ މުޅިންވެސް ފިރިހެނުން.
މި ފަންތީގައި އަންހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ. މިއީ އެއްވެސް ހަމަޔަކުން ބަލާއިރު، މިކަން ވާންޖެހޭނެ ގޮތެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިއީ އަންހެނުން ބާރުވެރިކުރުމުގެ ވާހަކަ ދައްކާއިރު، ބަދަލުކުރަން ޖެހިފައިވާ ޘަޤާފަތެއް. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ދާއިރާއެއްގައިވެސް، މަތީ މަޤާމުތަކުގައި، އަންހެނުންގެ ޙިއްޞާ، މިހާރަށްވުރެ ބޮޑަށް އިތުރުކުރަން.
އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އެ އަމާޒަށް. މި ސަރުކާރުގެ ކެބިނެޓްގައި 20 ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ކެބިނެޓްގެ 35 އިންސައްތައަކީ އަންހެނުން. އެމްބެސެޑަރުންނާއި، ޑެޕިއުޓީ އެމްބެސެޑަރުންގެ ގޮތުގައި 19 ބޭފުޅުން ތިއްބެވިއިރު، އޭގެ ތެރެއިން 31.5 އިންސައްތައަކީ އަންހެނުން. އަޅުގަނޑު ހިތުން މިއީ، ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް.