އިނގުރައިދޫ ކައުންސިލް މެންބަރުންނާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އިނގުރައިދޫ ކައުންސިލް މެންބަރުންނާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އިނގުރައިދޫގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މިގޮތުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުގައި ތިބެގެން އާނމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ މާހައުލެއް ބިނާވެފައިނެތުމުން ދިމާވާ ގޮންޖެހުންތަކާއި އިޖުތިމާޢީ މައްސަލަތައް ކައުންސިލް މެންބަރުން ހިއްސާ ކުރެއްވެވިއެވެ.

މީގެ އިތުރުން، އޮފީސް އިމާރާތުގެ ދަތިކަމާއި، ސިއްހީ މަރުކަޒުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވަމުންދާކަންވެސް އިނގުރައިދޫ ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ޤާއިމުވެފައި ނެތުމުން ދިމާވާ ދަތިތަކާއި، ރަށުގައި ތިބެގެން އޭ ލެވެލް އާ ހަމައަށް ތަޢުލީމު ހާސިލު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ބޭނުންވާކަމުގައި ކައުންސިލުން ހާމަކުރެއްވިއެވެ.

މީގެ އިތުރުން ނަރުދަމާ އަދި ފެނުގެ ޚިދުމަތާއި ބެންކުގެ ޚިދުމަތާއި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
  

މިއަދު އޮންލައިން