ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 6

މިއަދު
ކިޔުމަށް ހޭދަވާނީ 16މ 9ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 6

(فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ) ތިމަންމެންގެ ރައްބަކީ އުޑާއި ބިން އުފެއްދެވި އިލާހެވެ. އެހެން ފަރާތެއް ނޫނެވެ. އެކުދިންނަށް ލިބިދާނެ އަނިޔާ އަކަށް ފުރައްސާރަ އަކަށް ބެލުމެއް ނެތިއެވެ. ސިޙުރުވެރިން ފިރްޢައުނުގެ ގާތުގައި ބުނިފަދައިންނެވެ. (قَالُوا لَن نُّؤْثِرَكَ عَلَىٰ مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا ۖ فَاقْضِ مَا أَنتَ قَاضٍ ۖ إِنَّمَا تَقْضِي هَـٰذِهِ الْحَيَاةَ الدُّنْيَا ﴿٧٢﴾) ސޫރަތު ޠާހާ 72. މާނައަކީ: " އެއުރެން ބުނޫއެވެ. بيانވެގެންވާ حجّةއާއި، دليلގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياةގައެވެ."

(لَن نَّدْعُوَ مِن دُونِهِ إِلَـٰهًا) އެފަރާތަށް މެނުވީ އެހެން ފަރާތަކަށް ތިމަންމެން އަޅުކަމެއް ނުކުރާނަމެވެ. ވީމާ، އެކުދިން އެވަނީ ތައުޙީދުއް ރުބޫބިއްޔާ އަށާއި އުލޫހިއްޔާ އަށް އީމާންވެފައެވެ. ރުބޫބިއްޔަތަށް އީމާންވީ ގޮތަކީ (رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ) "ތިމަންމެންގެ ރައްބަކީ އުޑާއި ބިން އުފެއްދެވި ފަރާތެވެ."

ތައުޙީދުލް އުލޫހިއްޔާ އަށް އީމާންވީ ގޮތަކީ (لَن نَّدْعُوَ مِن دُونِهِ إِلَـٰهًا) "އެފަރާތަށް މެނުވީ އެހެން ފަރާތަކަށް ތިމަންމެން އަޅުކަމެއް ނުކުރާނަމެވެ."

(لَّقَدْ قُلْنَا إِذًا شَطَطًا)

(إِذًا) ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ކޮށްފިނަމަ،

(شَطَطًا) "ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفرގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ."

(هَـٰؤُلَاءِ قَوْمُنَا اتَّخَذُوا مِن دُونِهِ آلِهَةً) "މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް إلهން ތަކެއް ހަދައިގެންތިބި، އަހަރެމެންގެ قومގެމީހުންނެވެ."

(لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ)" (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ حجّةއެއް، އެއުރެން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟"

އެބައިމީހުންގެ ކިބައިން އެދެވުނީ ދެކަމަކަށެވެ. އެއީ:

1.    އެބައިމީހުން އަޅުކަން ކުރާ ބުދުތައް އެއީ އިލާހެއްކަން ޘާބިތުކޮށްދިނުން،

2. އެބުދުތަކަށް އަޅުކަން ކުރުމުގެ ޙައްގު ލިބިގެންވާކަން. މި ދެކަންތަކަކީ ވެސް މުސްތަޙީލުކަންތަކެވެ.

(بِسُلْطَانٍ بَيِّنٍ)

ސުލްޠާނަކީ އިންސާނާ އަށް ލިބިގެންވާ ބާރެވެ. ބައެއް ފަހަރަށް ދަލީލަށްވެސް "ސުލްޠާން" ކިޔައެވެ. ސޫރަތު ޔޫނުސްގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنْ عِندَكُم مِّن سُلْطَانٍ بِهَـٰذَا) މާނައަކީ: "ތިޔަބައިމީހުން ތިޔަބުނާ ބަހުގެ މައްޗަށް ތިޔަބައިމީހުންގެ ގާތުގައި އެއްވެސް دليلއެއް ނެތެވެ."

ބައެއް ފަހަރަށް ލިބިފައިވާ ބާރަކަށްވެސް އެބަސް ބޭނުން ކުރެވެއެވެ. ސޫރަތުއް ނަޙްލުގެ 100 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ مُشْرِكُونَ ﴿١٠٠﴾) މާނައަކީ: "އޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެކަލާނގެއަށް شريكކޮށްއުޅޭ މީހުންގެ މައްޗަށެވެ."

(فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا ﴿١٥﴾)"اللَّهއާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟"

(وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ﴿١٦﴾)

(وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَفَأْوُوا إِلَى الْكَهْفِ) " (އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުނޫއެވެ.) ތިޔަބައިމީހުން އެއުރެންނާ ވަކިވެ، އަދި اللَّهފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ!"

(إِلَّا اللَّـهَ) މި އިސްތިޘްނާ އަކީ (يَعْبُدُونَ) "އެބައިމީހުން އަޅުކަން ކުރާ ތަކެތި" ކަމަށް ވުން އެކަށީގެންވެއެވެ. އެހެންކަމަށްވަނީނަމަ، އޭގެ މާނައަކީ އެގައުމުގެ މީހުން ﷲ އަށާއި އަދި އެނޫން ފަރާތްތަކަށްވެސް އަޅުކަން ކުރުމެވެ. އެހެންކަމުން އެކުދިން އެކަހެރިވީ އެގައުމުގެ މީހުން ﷲ ފިޔަވާ އަޅުކަން ކުރާ އެންމެހާ ފަރާތްތަކުން ނުވަތަ ތަކެތިންނެވެ.

މިތަނުގައި (إِلَّا) "އިސްތިޘްނާ" އަކީ މުންގަޠިޢް އިސްތިޘްނާ އެއް ކަމަށްވެސް ވެދާނެއެވެ. އެހެންނަމަ އޭގެ މާނއަކީ އެގައުމުގެ މީހުން އެއްގޮތަކަށްވެސް ﷲ އަށް އަޅުކަން ނުކުރުމެވެ.ވީމާ، "ތިޔަބައިމީހުންނާއި ތިޔަބައިމީހުން އަޅުކަން ކުރާ އެންމެހާ ތަކެތިން ތިމަންމެން ދުރުހެލިވަމެވެ."

ފަހަރުގައި މިއީ އިސްތިޘްނާ މުއްތަޞިލެއް ކަމަށްވެސް ވެދާނެއެވެ. އެއީ ފަހަރެއްގައިވެސް އެގައުމުގެ މީހުންގެ ތެރޭގައި ﷲ އަށް އަޅުކަން ކުރާ ބަޔަކު ތިބެދާނެތީވެއެވެ. އެހެންކަމުން މާނައަކީ "ތިޔަބައިމީހުން ކުރެ ﷲ އަށް އަޅުކަން ކުރާ މީހަކު ފިޔަވާ އެހެންމީހުންގެ ކިބައިން ތިމަންމެން ދުރުހެލިވަމެވެ. އަދި ﷲ ފިޔަވާ އަޅުކަން ކުރެވޭ ތަކެތިން ނުވަތަ ފަރާތްތަކުން ވެސް ދުރުހެލިވަމެވެ."

(فَأْوُوا إِلَى الْكَهْفِ)"ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ!"

(الْكَهْفِ) މިތަނުގައި "އަލް" އެއީ "ޢަހްދު" ގެ "އަލް" އަކަށް ވެދާނެއެވެ. އެހެންނަމަ، މި ހޮހޮޅަ އަކީ އެކުދިން ވަރަށް ގިނައިން އެތަނަކަށް ވަދެ އުޅޭ، ޢާދަވެފައިވާ ހޮހޮޅަ އެކެވެ." ނަމަވެސް، އެކުދިން ޢާދަވެގެން ހޮހޮޅަ އަކަށް ގޮސް އުޅޭ ކަމުގެ ދަލީލެއް ނެތެވެ.

އަނެއް ގޮތަކީ "އަލް" އެއީ "އަލްބަޔާނިއްޔާ" ގެ "އަލް" އަކަށް ވުމެވެ. އެހެންނަމަ މާނައަކީ، "ގައުމުގެ މީހުންގެ އަނިޔާވެރިކަމުން ޙިމާޔަތް ލިބޭނެ ފަދަ ހޮހޮޅަ އަކަށް ވަންނާށެވެ."

(يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا) " އޭރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް އެކަލާނގެ رحمةތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންގެ ކަންތައް، ތިޔަބައިމީހުންނަށް ފަހިކޮށްދެއްވައި، ބޭނުންތައް حاصلކޮށްދެއްވާނެތެވެ." ސަބަބަކީ ﷲ އަށް ޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެކަލާންގެ އެކަމެއްގެ ބަދަލު ދެއްވާނެއެވެ. ސޫރަތުއް ޠަލާގްގެ 2 އަދި 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا ﴿٣﴾  ) މާނައަކީ: " އަދި اللَّهއަށް تقوىވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزقދެއްވާނެތެވެ. އަދި اللَّهއަށް وكيلކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّهއީ، އެކަލާނގެ أمرފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّهކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

އަދިވެސް ސޫރަތުއް ޠަލާގްގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾) މާނައަކީ: " އަދި اللَّهއަށް تقوىވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ."

އަދިވެސް ސޫރަތުއް ޠަލާގްގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا ﴿٥﴾) މާނައަކީ: " އަދި اللَّهއަށް تقوىވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ."

(وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ ۗ مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ﴿١٧﴾)" އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّهގެ آيةތަކުގެތެރެއިންނެވެ. اللَّهތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."

(ذَٰلِكَ مِنْ آيَاتِ اللَّـهِ) " އެކަންތައްވަނީ، (އެކުދިންގެ ޙާލަތު ބަދަލުވެގެން ދިޔަގޮތް ވަނީ)اللَّهގެ آيةތަކުގެތެރެއިންނެވެ." އޭގެ ތެރޭގައި:

1. އެކުދިންގެ ގައުމުން ނިކުތުން.

2. ހޮހޮޅައިގެ ތެރެއަށް ވަނުން.

3. އެހޮހޮޅައިގެ ތެރޭގައި ހުރިހާ ކަމެއްވެސް އެކުދިންނަށް ފަހިވާ ގޮތަށް ކަންކަން މެދުވެރި ކުރައްވާފައިވުން.

މިއީ ﷲ ގެ އާޔަތްތަކެވެ. މި އާޔަތްތަކުން ދޭހަވަނީ އެކަލާންގެ ޙިކްމަތްވަންތަކަމާއި، އެކަލާންގެ ރަޙްމަތުގެ ތަނަވަސްކަމެވެ. މިއީ ﷲ އެކުދިންނަށް ދެއްވި ކަރާމާތެކެވެ.

(مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا) "اللَّهތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."

މި އާޔަތުން ދޭހަވަނީ ހިދާޔަތަށް އެދި ދަންނަވަން ޖެހޭނީ ހަމައެކަނި ﷲ ގެ ޙަޟްރަތަށް ކަމެވެ. އަދި މަގުފުރެދިފައިވާ މީހަކު ފެނިއްޖެނަމަ އެމީހަކު އެގޮތުގައި ދޫކޮށްނުލާ، އެމީހަކަށް ތެދުމަގު ހޯދައިދެވޭތޯ މަސައްކަތްކޮށް ދުޢާ ކުރަން ޖެހޭނެއެވެ. 

- ނުނިމޭ -

މިއަދު އޮންލައިން